03 Jul 2018, 21:37
ތައިލޭންޑުގެ ޗިއަން ރައިގައި އޮންނަ ތަމް ލުއަންގް ހޮހޮޅައިގައި ތާށިވެފައި ތިބި 12 ކުދިންނާއި އެކުދިންގެ ކޯޗަށް ކާތަކެތި ފޯރުކޮށްދޭން ފަށައިފިއެވެ.
ބައިނަލްއަގުވާމީ ޑައިވަރުންގެ ޓީމަކުން އިއްޔެ އެކުދިން ހޯދީ، ތަމް ލުއަންގް ހޮހޮޅައިގައި އެކުދިން ތާށިވިތާ ނުވަ ދުވަސް ފަހުންނެވެ. އެ ހޮހޮޅައަކީ ވިއްސާރަ މޫސުމުގައި ފެންބޮޑުވާ ހޮހޮޅައެއް ކަމުން މިހާރު އެހޮހޮޅައިގައި އޮތީ ފެންބޮޑުވެފައެވެ.
ނަމަވެސް އިނގިރޭސިވިލާތުގެ ދެ ޑައިވަރަކަށް އެކުދިން ފެނިފައި ވަނީ ހޮހޮޅައިގައި އުސްކޮށް ހުރި، ފެން ނުފޯރާ ސަރަހައްދަކުންނެވެ. ތައިލޭންޑުގެ އަސްކަރިއްޔާއިން ވަނީ ފޭސްބުކް މެދުވެރިކޮށް އެކުދިންގެ ވީޑިއޯއެއް އާއްމުކޮށްފައެވެ.
އެކުދިންނަށް ބޭނުންވާނެ ކާނާ އެކު ނޭވީ ސީލްގެ ހަތް މެންބަރަކު މިހާރު ވަނީ އެމީހުން ތިބި ސަރަހައްދަށް ގޮސްފައެވެ. އޭގެ ތެރޭގައި ޑޮކްޓަރަކާއި މެޑިކަލް ސައިންސް ނަރުހެއް ވެސް ހިމެނެ އެވެ.
އެމީހުންނަށް ފޯރުކޮށްދީފައިވަނީ ފަސޭހައިން ހަޖަމުވާ ކާނާއެވެ.
ތައިލޭންޑުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި ހޮހޮޅައިގައި ފެން ހިކުމުގެ ކުރިން އެކުދިން ސަލާމަތް ކުރަން ބޭނުން ނަމަ، އެކުދިންނަށް ޖެހޭނީ ފުރަތަމަ ޑައިވް ކުރަން ދަސްކުރާށެވެ. ނަމަވެސް ހޮހޮޅަ އަނދިރިވުމުގެ ސަބަބުންނާއި ފެންގަނޑު ހަޑިވުމުގެ ސަބަބުން އެއީ ނުރައްކާތެރި ކަމެއް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.
ދެން އޮތް ގޮތަކީ ހޮހޮޅައިގެ ފެންގަނޑު ހިކެން ދެން އެކުދިން ހޮހޮޅައިގައި މަޑު ކުރުމެވެ. އެގޮތަށް އަމަލު ކުރާ ނަމަ ގާތްގަނޑަކަށް ހަތަރު މަސް ވަންދެން އެކުދިންނަށް ކާނާ އާއި އެހެނިހެން ތަކެތި ޑައިވަރުން ފޯރުކޮށްދޭން ޖެހޭނެއެވެ.
އުމުރުން 11 އަހަރާއި 16 އަހަރާ ދެމެދުގެ އެކުދިންނަކީ ޗިއަން ރައިގެ ފުޓުބޯޅަ ޓީމަކަށް ނިސްބަތްވާ ކުދިންނެވެ. އަދި އެކުދިންގެ ކޯޗާއެކު ފީލްޑް ޓްރިޕުތަކަށް ދިޔުމަކީ އާއްމު ކަމެއް ކަމަށް އެސިޓީގެ ރައްޔިތުން ބުންޏެވެ.