03 Jul 2018, 21:22
ސާކް ޑިވެލޮޕްމެންޓު ފަންޑުގެ އަމާޒަކީ ކައިރި މުސްތަގުބަލެއްގައި ސަރަހައްދީ ބޭންކަކަށްވުން ކަމަށް ސާކް ޑިވެލޮޕްމެންޓު ފަންޑުގެ (އެސްޑީއެފް) ސީއީއޯ ޑރ. ސުނިލް މޯޓިވާލް ވިދާޅުވެއްޖެއެވެ.
ސުނިލް ވިދާޅުވީ އެސްޑީއެފްއިން މިހާރު މަސައްކަތް ކުރަނީ ކްރެޑިޓް ޕޯޓުފޯލިއޯ ހަރުދަނާ ކުރުމަށް ކަމަށެވެެ. އެއަށްފަހު ދެން އަމާޒު ހިފާނީ ކެޕިޓަލް މާކެޓު މެދުވެރިކޮށް ބޮންޑު ވިއްކައިގެން ފަންޑު ހޯދުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ސުނިލް މި މޭރުމުން ވާހަކަ ދައްކަވާފައި މި ވަނީ ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް އަދި އޭޝިއަން އިންސްފްރާސްޓްރަކްޗާ އިންވެސްޓްމެންޓް ބޭންކާއެކު ބޭއްވި ޕާޓްނާޝިޕް ކޮންކްލޭވްގައެވެ.
"1.5 ބިލިއަން ޑޮލަރުގެ އޮތޮރައިޒްޑް ކެޕިޓަލްއަކާއި، 500 މިލިއަން ޑޮލަރުގެ ޓޯޓަލް ކެޕިޓަލްއަކާއެކު އެސްޑީއެފްއިން މަސައްކަތްކުރަނީ ކްރެޑިޓް ޕޯޓްފޯލިއޯ ރަނގަޅުކޮށް ސާކް ސަރަހައްދުގައި ހިންގާ ގިނަ ޕްރޮޖެކްޓުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް،" ސުނިލް ވިދާޅުވީ ސަރަހައްދުގައި ހިންގާ ޓެލެކޮމް، ދަތުރުފަތުރު އަދި ތިމާވެއްޓާ ގުޅޭ ކަންތައްތަކަށް އެ ފަންޑުން އެހީވާ ކަމަށެވެ.
ސާކް ޑިވެލޮޕްމަންޓް ފަންޑަކީ ސާކްގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ހަލުއިކޮށް، ފަގީރުކަން ނައްތާލުމުގެ މަގްސަދުގައި، 2010 ވަނަ އަހަރު ގާއިމުކުރި ފަންޑެކެވެ. މި ފަންޑުން މިހާތަނަށް މެންބަރު ގައުމުތަކަށް 47 މިލިއަން ޑޮލަރުގެ އެހީ ދީފައި ވެއެވެ.
ސަރަހައްދުގެ އިންޕްރާސްޓްރަކްޗާ ތަރައްގީކުރުމަށް އެސްޑީއެފް އިން ދޭ އެހީތަކަށް ވޯލްޑްބޭންކާއި އޭޑީބީ ފަދަ މާލީ އިދާރާތަކުން ދޭ އެއްބާރުލުމާއި އެހީތެރިކަން އެސްޑީއެފް އިން ފާހަގަ ކުރެއެވެ.
ވޯލްޑުބޭންކުން ކުރިއަށްގެންދިޔަ ދިރާސާ އެއްދައްކާގޮތުން ސާކް ސަރަހައްދުގެ އިންފްރާސްޓްރަކްޗާ ގެޕްތައް ނައްތާލުމަށް ޓެލެކޮމް ދާއިރާ އާއި ދަތުރުފަތުރު، ތިމާވެށި އަދި ހަކަތައިގެ ދާއިރާއަށް 1.7 ޓްރިލިއަން ޑޮލަރާއި 2.5 ޓްރިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ޚަރަދު ކުރަން ޖެހެއެވެ.