03 Jul 2018, 19:46
އެސްޓީއޯގެ ރީޖަނަލް ފިހާރަތަކަށް މުދާ އުފުލުމަށް އެ ކުންފުނިން ދެ ކޮޅުވެއްޓި ގެނެސްފިއެވެ.
އެސްޓީއޯ އިން ގެނައި "އިތާ" ނަކަމަށް ކިިޔާ ކޮޅުވެއްޓިއަކާއި "އައިލަ" ނަމަކަށް ކިޔާ ކޮޅުވެއްޓި އެކެވެ.
"އިތާ" އަކީ 250 މެޓްރިކް ޓަނުގެ، 42.10 މީޓަރު ދިގުކޮޅުވެއްޓިއެކެވެ. މި ކޮޅުވެއްޓީގައި 5000 ބަސްތާ އުފުލުމުގެ ކެޕޭސިޓީ ހުންނާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
"އައިލަ" އަކީ 200 މެޓްރިކް ޓަނުގެ، 37.50 މީޓަރުގެ ދިގުމިނުގެ ކޮޅުވެއްޓިއެކެވެ. މިއީ 4000 ބަސްތާ އުފުލުމުގެ ކެޕޭސިޓީ ހުންނާނެ ކޮޅުވެއްޓިއެއް ކަމަށް އެސްޓީއޯ އިން ބުނެއެވެ.
މި ދެ އުޅަނދުގެ އޮަޕަރޭޝަން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަހީރު ވިދާޅުވީ މި ދެކޮޅުވެއްޓީގެ ސަބަބުން އެސްޓީއޯގެ ރީޖަނަލް އައުޓްލެޓުތަކަށް މުދާ އުފުލުމުގައި އެހެންބަޔަކަށް ބަރޯސާނުވެ ފަސޭހަކަމާއިއެކު މުދާ އުފުލޭނެ ކަމަށެވެ.
މި އުޅަނދު ތަކަކީ ބަރާބަރަށް މެއިންޓެއިން ކުރެވި އައި.އެސް.އޯ މިންގަނޑަށް އޮޕަރޭޓް ކުރެވޭނެ އުޅަނދު ތަކެއް ކަން ޝަހީރު ފާހަގަ ކުރެއްވިއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯ ޓްރާންސްޕޯޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރ އަބްދުލް ވާހިދް މޫސާ ވިދާޅުވީ ކޮންމެ އަހަރަކު ލަކުޑި އުޅަނދު ކުއްޔަށް ހިފުމަށާއި ބެލެހެއްޓުމަށް ވަރަށް ބޮޑުހަރަދެއް ހިނގާ ކަމަށެވެ. އަދި އިންޑޮނޭޝިއާ އިން މި ގެނައި ދެ ކޮޅުވެއްޓީގެ ސަބަބުން މިހަރަދު ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ ކަމަށާއި އެއާއެކު މީޑެމަރޭޖްގެ ގޮތުގައި އެސްޓީއޯއިން ދައްކަންޖެހޭ ފައިސާގެ އަދަދު ކުޑަވާނެ ކަމަށް ވާހިދު ވިދާޅުވިއެވެ.