ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބު އީގަލްސްއިން އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ހިފަހައްޓައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ނިއުއާއި އީގަލްސް ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއުއާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއީ ދެ ޓީމު ވެސް ޕްރިމިއާ ލީގުގައި ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި ނިއުއިން 10-0ގެ ނަތީޖާއަކުން ތ. ތިމަރަފުށި ބަލިކުރި އިރު، ކްލަބު އީގަލްސްގެ ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 2-2ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ނިއުއަށް ލީޑު ހޯދުމަށް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. މެޗުގެ 38 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ދުރުން ފޮނުވާލި ހަމަލާ ދިޔައީ އީގަލްސް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭނާ އެ ހަމަލާ ދުރުން ފޮނުވާލީ އީގަލްސްގެ ކީޕަރު ސުޖަން ޕެރޭރާ ކުރިއަށް ނުކުމެ ހުރުމުންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއުއާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ނިއުއިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅައަކުން ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކިޕްސަން އަޓުހޭރޭއެވެ. އީގަލްސްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ އޭނާ ފޮނުވާލި ހަމަލާ، ގޯލުގެ ތެރެއަށް ވަދެފައިވަނީ ކީޕަރު ސުޖަންގެ އަތުގައި ޖެހިފައެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ނިއު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި އީގަލްސްއިން ވަނީ ނިއުގެ ގޯލަށް ނުރައްކާކޮށްފައެވެ. ހާފުގެ ކުރީކޮޅުގައި އީގަލްސްގެ އަބްދުﷲ ސަމީހު މޫސާއާއި އަހްމަދު ރިޒުވާން (ރިޒޭ) އަދި ހަސަން ރާއިފް އަހްމަދު (ހަންނަ) ފޮނުވާލި ހަމަލާ ވެސް ނިއުގެ ކީޕަރު އިމްރާން މުހައްމަދު ވަނީ ދިފާއުކޮށްފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއުއާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މެޗުގެ 73 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ރިޒޭ ދިން ބޯޅައަކުން އީގަލްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑިކްސަން ޑެނިއަލް ލުއިސްއެވެ. ނިއުގެ ޕެނަލްޓީ އޭރިއާ ތެރެއިން ޑެނިއަލްއަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

މާގިނައިރުތަކެއް ނުވަނީސް އީގަލްސްއިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ 76 ވަނަ މިނެޓުގައި އީގަލްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ލުއިޒް އެޑުއާޑޯއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޑެނިއެލް ފޮނުވާލި ހަމަލާއެއް ކީޕަރު އިމްރާން ދިފާއުކުރުމާއެކު ނިއުގެ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުންނެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއުއާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އީގަލްސްއިން ލީޑު ހޯދިތާ ދެ މިނެޓުތެރޭ ނިއުއިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ހަސަން އަދުހަމް ދިން ބޯޅައަކުން ނިއުއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ކިޕްސަންއެވެ.

އެ ލަނޑަށްފަހު ނިއުއަށް ލީޑު ހޯދުމަށް ވެސް ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ މެޗު ނިމެން ދަނިކޮށް، ސެންޓޭ ދިން ބޯޅައަކުން އަދުހަމް ފޮނުވާލި ހަމަލާއެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ އީގަލްސްގެ ކީޕަރު ސުޖަންއެވެ.

މިރޭ ވެސް ލީގުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ 9:00ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ފ. ނިލަންދޫއެވެ.