12 Sep 2011, 19:48
މިރަށުގެ ޔޫތު ކޭމްޕްގެ ފުނަގަނޑަށް ގެނބުނު ހިރިޔާގެ ދަރިވަރުން ސަލަމާތް ކުރަން އުޅުއްވަނިކޮށް އަވަހާރަވި ވ. ފުލިދޫ އަލީ ނާޒިމަކީ މިރަށަށް އާ ބޭފުޅެއް ނޫނެވެ. އޭނާ ދަންނަ މީހުނާއި ގާތް ރައްޓެހިން މިރަށުގައި ގިނަ އެވެ. ނާޒިމް ކިޔަވާ ވިދާޅުވި އިރު، އެކުގައި އުޅުނު ށ. ކޮމަންޑޫ ރަބީއުގޭ އަލީ ޝަރީފަކީ މިރަށު ސްކޫލްގެ ޕްރިންސިޕަލެވެ. ޝަރީފާއި ނާޒިމް ވަނީ އެކުގައި 14 އަހަރު އުޅެ ރަހުމަތްތެރިކަމުގެ ވަރުގަދަ ގުޅުމެއް އުފައްދާފަ އެވެ.
މިހާރު ވިސްނައިލުމުން އެއްކަމެއް އެނގެ އެވެ. ޒުވާން ޕްރިންސިޕަލް ނާޒިމް ފުންގަނޑަށް ގެނބި އަވަހާރަވުމުގެ ކުރިން މިރަށުގެ ބޭފުޅަކާއެކު ދެކެވުނު ވާހަކައެއްގެ ތެރޭގަ އާއި މިރަށު ސްކޫލްގެ ޕްރިންސިޕަލަށް ފޮނުވާފައިވާ އެސްއެމްއެސްއަކުން ކަންވެގެން ދިޔަގޮތާ ވަރަށް ގުޅެ އެވެ. ފަހަރުގައި އެއީ އޭނާއަށް ހާދިސާއެއް ކުރިމަތިވާން އުޅޭކަމުގެ ނިޝާނެކޭ ވެސް ކިއިދާނެ އެވެ. ފުރަތަމަ މިރަށަށް ދަތުރު ވަޑައިގެން ބޭފުޅެއްގެ އަރިހުގައި ވިދާޅުވި ކުރު ޖުމްލައެކެވެ. އަދި އެހެން ބޭފުޅަކަށް ފޯނުން ފޮނުއްވެވި އެންމެ ފަހުގެ މެސެޖެވެ.
ހުކުރު ދުވަހު މިރަށަށް ވަޑައިގެން ކައުންސިލުގެ ނައިބު ރައީސް އީސާ އަހުމަދު އަރިހުގައި ކުރު ޖުމްލައަކުން ވިދާޅުވި ވާހަކަފުޅަށް ބަލައިލަމާ ހެއްޔެވެ؟
ނާޒިމް އިސްވެ ހުންނަވައި ހިރިޔާ ސްކޫލްގެ 32 ދަރިވަރުންނާއި ޓީޗަރުން ގޮވައިގެން މިރަށަށް ވަޑައިގަތުމަށް ފަހު މިސްރާބު ޖެއްސެވީ ޔޫތު ކޭންޕް ސަރަހައްދަށެވެ. ހިންގަވާފަ އެވެ. މި ދަތުރަކީ ފިޝަރީޒް ސައިންސް ދަތުރެއްގައި ދަރިވަރުން ގޮވައިގެން މިރަށަށް ނާޒިމް ވަޑައިގެންނެވި ތިންވަނަ ފަހަރެވެ. އެހެންވެ މިރަށު މީހަކަށް ވެސް އަދި ރަށަކަށް ވެސް ނާޒިމް އަލެއް ނޫނެވެ.
ދަރިވަރުންނާއެކު ކައުންސިލް އިދާރާގެ ކުރިމަތިން ވަޑައިގަންނަވަނިކޮށް ކައުންސިލްގެ ނައިބު ރައީސް އީސަ ފެނިވަޑައިގެން ނާޒިމް ހަނައަޅުއްވެވި އެވެ. ނާޒިމްގެ އެ އިޝާރާތާއެކު އީސަ ވަޑައިގަތުމުން ސަލާން ކުރެއްވެވި އެވެ.
ގަޑިން ހެނދުނު 8:30، އީސަ: "ހާދަ ދުވަހެއް ވެއްޖެއޭ ނުފެންނަތާ!"
ނާޒިމް: "މިއީ އެންމެ ފަހަށް ދިމާވާނެ ފަހަރުކަންނޭގެ"
އީސަ ވިދާޅުވީ ކުއްލި ގޮތަކަށް ބައްދަލުވުމާއެކު ނާޒިމް ދެއްވި ޖަވާބުން ހައިރާންވަޑައިގެންފައި ހުންނެވުއިރު ނާޒިމް ހުންނެވީ ހިނިތުންވެފައި ކަމަށެވެ. ނާޒިމްގެ އެހެން ވިދާޅުވުމުން އެއީ ކީއްވެތޯ ސުވާލު ކުރުމުން ރާއްޖެއިން ބޭރަށް ކިޔަވަން ވަޑައިގަތުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި ކަމަށް ވެސް އިސާ ވިދާޅުވި އެވެ.
"އޭގެ ތަފްސީލަކަށް ނާޒިމް ވަޑައެއް ނުގަންނަވާ،"
ކޮންމެއަކަސް ނާޒިމްގެ އެ ބަސްކޮޅު ވެފައި ވަނީ މިރަށުގައި ހިނގައިދިޔަ ހާދިސާއާ ގުޅޭ ކުރު އަދި ފަހުބަސްކޮޅަށެވެ.
"އެ ވިދާޅުވި އެއްޗަކީ ސަމާސައަކަށް ނުވަތަ ސީރިއަސްކޮށް ވިދާޅުވި އެއްޗެއް ކަމެއް ވެސް ބުނާ ކަން ނޭނގޭ. އެ ވަގުތު އެހެން ވިދާޅުވީމަ މިހާރު ހިތަން އަރަނީ ހިނގައިދިޔަ ހާދިސާއާ ގުޅުމެއް އެބަ ހުއްޓޭ އެ ވިދާޅުވި ވާހަކައާ،" އީސަ ވިދާޅުވި އެވެ.
ނާޒިމުގެ އަވަހާރަ ވުމުގެ ހާދިސާއާ ގުޅިގެންދާ އެސްއެމްއެސްއަކީ ވަރަށް ކުރު މެސެޖެކެވެ. މެސެޖު ފޮނުއްވަވާފައި ވަނީ ރަހުމަތްތެރިއެއް ކަމަށްވާ މިރަށު ސްކޫލްގެ ޕްރިންސިޕަލް އަލީ ޝަރީފަށެވެ. ސްރީލަންކާގައި 2000 ވަނަ އަހަރު ނާޒިމާއި ޝަރީފު ކިޔަވާ ވިދާޅުވީ އެކީގަ އެވެ. ތައުލީމީ ދާއިރާގެ އެކި މަސައްކަތުގެ ވަރަށް ގިނަ ތަޖުރިބާ އެކުއެކީގައި ކުރެވިފައި ހުންނާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.
ވޭތުވެދިޔަ ދެ އަހަރު ހިރިޔާގެ ދަރިވަރުން ގޮވައިގެން ހުރައަށް ނާޒިމް ވަޑައިގެންނެވި އިރު ވެސް އެ ދެ ބޭފުޅުން އުޅުއްވީ އެކުގަ އެވެ. ނަމަވެސް ސެޕްޓެންބަރު 9، 2011 ވަނަ ދުވަހު އެ ދެ ބޭފުޅުންގެ ވާހަކަތައް ބަދަލު ކުރަންޖެހުނީ އެސްއެމްއެސްއިންނެވެ. ސަބަބަކީ ޝަރީފު ހުންނެވީ އިންޑިޔާގަ އެވެ. އެ ދުވަހު ދެބޭފުޅުނަށް ހަތަރު އެސްއެމްއެސްއެއް ބަދަލު ކުރެއްވެވި އެވެ.
"އަޅުގަނޑު އެންމެ ފުރަތަމަ ނާޒިމަށް ފޮނުވި އެސްއެމްއެސްގައި 'ގުޑް މޯނިން' ޖަހާލާފަ ދަތުރު ކިހިނެއްތޯ؟ މިހެން ޖަހާލީ. ދެން ނާޒިމް ރިޕްލައި ކުރައްވަނީ ވަރަށް ރަނގަޅޭ، މިހާރު ގޭގެ ކަންތައްވެސް ހަމަޖެހިއްޖެޔޭ )ނާޒިމް ހުރައަށް ވަޑައިގެން އޭނާގެ ދަބަސް ބާއްވާނީ އަބަދުވެސް ޝަރީފުގެ ގޭގެގަ އެވެ.( ކޭންޕް ސަރަހައްދަން މިހާރު ދަނީޔޭ ލިޔެފަ އިނީ،" ނާޒިމާ ދެމެދު މިދިއަ ހުކުރު ދުވަހު ބަދަލު ކުރި ފުރަތަމަ އެސްއެމްއެސް ޝަރީފު ކިޔައި ދެއްވެވި އެވެ.
ޝަރީފް ވިދާޅުވާ ގޮތުން ދެވަނަ އެސްއެމްއެސް އޭނާ ނާޒިމަށް ކުރެއްވީ ރާއްޖެ ގަޑިން އެ ދުވަހުގެ ހެނދުނު 8:45 ވާން އުޅެނިކޮށެވެ. އަދި އެ މެސެޖް އޭނާ ކުރީ ކުދިން ގޮވައިގެން މޫދުގެ ހަރަކާތައް ފަށާނެ ކަމަށް ނާޒިމް އިޝާރާތެއް ދެއްވި ވަގުތާ ދިމާކޮށް ކަމަށް ވެސް ވިދާޅުވި އެވެ.
"ކިހިނެއްތޯއޭ ހުރިހާ ކަންތައްތަކެއް ކުރިއަށް ދަނީއޭ އަހާފަ އަޅުގަނޑު މެސެޖެއްކޮށްލުމުން ރިޕްލައިގަ ނާޒިމް ފޮނުއްވާފައި އޮންނަނީ، 'ވެރީ ގުޑް. ތޭންކްސް. އެކްޓިވިޓީސް އޯލްރެޑީ ސްޓާޓެޓް. ޑޯންޓް ވޮރީ. ޓޭކް ކެއާ. ސީޔޫ ސޫން،" )އަވަހަށް ފެންނާނެ ކަމަށް އުންމީދު ކުރާ ވާހަކަ ނާޒިމް ލިޔެފައި ވަނީ އެދުވަހު ހަވީރު ޝަރީފް މާލެ ވަޑައިގަންނަވާ ކަމަށް ނާޒިމް ގާތުގައި ވިދާޅުވެފައި އޮތުމުންނެވެ.(
އޭއީ ނާޒިމްގެ އެންމެ ފަހު އެސްއެމްއެސްއެވެ. އެ މެސެޖްގައި ކަންބޮޑު ނުވުމަށް ޝަރީފުގެ ކިބައިން ނާޒިމް ވަނީ އެދި ވަޑައިގެންފަ އެވެ. ފިޝަރީޒް ސައިންސް ދަތުރުގެ އަމަލީ ތަޖުރިބާގެ ހަރަކާތްތައް ފެށުނު ވާހަކަ ވިދާޅުވެފައި ވެއެވެ. ނަމަވެސް ޝަރީފު މެސެޖް ކުރި ވަގުތާ މާގިނައިރުތަކެއް ނުވެ، ހިތާމަވެރި ހާދިސާގައި ވަނީ ހިނގާފަ އެވެ. އޭގެ ފަހުން ހޮނިރު ނާޒިމްގެ ފޯނު ހޯދަން ކެނޑިނޭޅި މަސައްތް ކުރި އިރު ވެސް ނުފެނި އޮތުމަށް ފަހު ފެނީ އިއްޔެ މެންދުރު އެވެ. ފޯނު އޮތީ ދަތުރު ގެންދިޔަ ފަސްޓްއެޑި ފޮށީގެ އަޑީގަ އެވެ. ނާޒިމާއި ޝަރީފުގެ މެސެޖް ބަދަލު ކޮށްފައިވާ ވަގުތާއި ގެނބުނު ހާދިސާ ހިނގާފައިވަ ވަގުތާއި ދެއްވާފައިވާ ޖަވާބަށް ބަލާއިރު އެދެބޭފުޅުންގެ އެ މެސެޖަށް ފަހު ނާޒިމް ފޯނު ބޭނުން ކުރައްވާފައި ނުވުމަކީ ވެދާނެ ގޮތެކެވެ.