ފޭސްބުކްގައި އުޅުނު ބަގެއްގެ ސަބަބުން ބްލޮކު ލިސްޓުގައި ތިބި ބައެއް މީހުން އަން-ބްލޮކު ވެފައި ތިބެދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފޭސްބުކުން ބުނީ މި ބަގުގެ އަސަރު 800،000 މީހުންނަށް ކޮށްފައިވާ ކަމަށެވެ. ފޭސްބުކްގެ އޮފިޝަލަކު ބުނީ މި ބަގުގެ އަސަރު ކޮށްފައިވަނީ މެއި މަހުގެ 29 އާ މިދިޔަ މަހުގެ ފަސްވަނަ ދުވަހާ ދެމެދު ކަމަށެވެ. މި ބަގްގެ ސަބަބުން އެވްރެޖުކޮށް ކޮންމެ މީހެއްގެ ބްލޮކު ލިސްޓުން އަން ބްލޮކު ވެފައި ހުރީ އެކަކު ކަމަށް ފޭސްބުކް އިން ބުނެއެވެ.

މި ބަގްގެ އަސަރު ކުރި މީހުންނަށް ފޭސްބުކުން ވަނީ ނޮޓިފިކޭޝަން އެއް ފޮނުވައިފައެވެ. އެ ނޮޓިފިކޭޝަންގައި ބުނެފައިވަނީ ބްލޮކު ލިސްޓު ޗެކު ކުރުމަށެވެ.

އަށްސަތޭކަ ހާސް މީހުންނަކީ ފޭސްބުކް ބޭނުންކުރާ 2.2 ބިލިއަން މީހުންނާ އަޅާ ބަލާއިރު ކުޑަ އަދަދެއް ނަމަވެސް، ޕްރައިވެސީގެ ކަމެއްގައި މިއީ "ސީރިއަސް ކަމެއް" ކަމަށް ގިނަ ބަޔަކު ބުނެއެވެ.