ޔުގެންޑާ ގައި ސޯޝަލް މީޑިއާ ޓެކްސްގެ ގޮތުގައި 200 ޔުގެންޑާ ޝިލިންގް (0.5) ޑޮލަރު ނަގަން ނިންމައިފިއެވެ.

ސޯޝަލް މީޑިއާގެ ސަބަބުން ފެތުރޭ ދޮގު ވާހަކަތަކުގެ ސަބަބުން ޔުގެންޑާ ގައި ސޯޝަލް މީޑިއާ ޓެކްސް ނަގަން ނިންމީ މި އަހަރުގެ މެއި މަހުއެވެ. މި ޓެކްސް ދައްކަން ފަށާފައިވަނީ އިއްޔެ އިން ފެށިގެންނެވެ.

ގިނަ ބަޔަކު ބުނާގޮތުން މި ޓެކުހަކީ ސަރުކާރަށް ފާޑުކިޔާމީހުން ހުއްޓުވުމަށް އެޅި ފިޔަވަޅެކެވެ.

މި ޓެކްސް ނަގަން ފެށުމާއެކު އެގައުމުގައި ގިނަ ބަޔަކު ދަނީ ވީޕީއެން ނެޓުވޯކު ބޭނުންކުރަން ފަށަމުންނެވެ.

މި ޓެކުހުގެ ސަބަބުން ސަރުކާރުގެ އާމްދަނީ އިތުރުވާނެ ކަމަށް ޔޫގެންޑާގެ ރައީސް މުސެވެނީ ވަނީ ވިދާޅުވެފައެވެ. މި ޓެކުހާ ދެކޮޅަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ.

މި ޓެކްސް ނެގުމުގެ ވިސްނުންފުޅު ޔުގެންޑާގެ ރައީސް ގެންގުޅުއްވީ މާޗުމަހުއެވެ. އޭރު އެގައުމުގެ ފިނޭންސް މިނިސްޓަރަށް ފޮނުއްވި ސިޓީ އެއްގައި މުސުވެނީ ވިދާޅުވީ މި ޓެކްސް ނަގަން ފެށުމުން އެގައުމުގެ ދަރަނިވެސް ކުޑަކުރެވޭނެ ކަމަށެވެ. ސޯޝަލް މީޑިއާ އިން ޓެކްސް ނެގި ނަމަވެސް ޖެނެރަލް އިންޓަނެޓުން ޓެކްސް ނުނަގާ ކަމަށާއި، އޭގެ ސަބަބުން ކިޔަވާކުދިންނަށް އަސަރު ނުކުރާނެ ކަމަށް މުސެވެނީ ވަނީ ވިދާޅުވެފައެވެ.

ދެހާސް ސޯޅަވަނަ އަހަރު ޔުގެންޑާގައި ކުރިއަށްދިޔަ ރިޔާސީ އިންތިޚާބާއި އާންމު އިންތިޚާބާ ދިމާކޮށް އެ ގައުމުގައި ވަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތައް ބްލޮކު ކޮށްފައެވެ.