އިންތިޚާބުތަކުގެ ގާނޫނަށް ގެނައި އިސްލާހުތަކަށް ވޯޓަށް ނޭހި ލަސްވަމުން ދަނީ އިދިކޮޅު މެންބަރުން މަޖިލީހަށް ވަޑައިނުގަތުމުގެ ސަބަބުން ގާނޫނީ އަދަދު ހަމަ ނުވާތީ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕް ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

އިންތިޚާބުތަކުގެ ގާނޫނަށް ގެނައި އިސްލާހުތަކަށް ވޯޓަށް އެހުމަށް އިއްޔެއާއި މިއަދު ވެސް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް ގާނޫނީ އަދަދު ހަމަނުވާތީ ވޯޓަށް ނާހަައި ވަނީ ޖަލްސާ ނިންމާލާފައެވެ.

ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައި ބުނާ ގޮތުން ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ވޯޓަށް އަހަންވާނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެ ބައިކުޅަ އެއްބަޔަށްވުރެން ގިނަ މެންބަރުން އެ ވޯޓެއް ނަގާ ޖަލްސާއެއްގައި ހާޒިރުވެތިބޭ ވަގުތެއްގައެވެ.

މި އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް ފަހު މެމްބަރުން މަޖިލިސް ގޯތިތެރޭގައި: މަޖިލީހުގެ ޖަލްސާގައި އިދިކޮޅު މެންބަރުން ބައިވެރި ނުވި ނަމަވެސް ކޮމެޓީތަކުގައި ބައިވެރިވޭ ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

މަޖިލީހުގެ ޖަލްސާތައް އިދިކޮޅު މެންބަރުން ބޮއިކޮޓް ކޮށްފައިވާއިރު ޕީޕީއެމް އެމްޑީއޭ ކޯލިޝަނުގެ 28 މެންބަރުން މިއަދުގެ ޖަލްސާއަށް ވަނީ ހާޒިރުވެފައެވެ.

"އިދިކޮޅު މެންބަރުން ވަޑައެއް ނުގަންނަވާ. ޕީޕީއެމް މެންބަރުން ހަމަ ނުވެގެނެއް ނޫން ވޯޓަށް ނާހަނީކީއެއް. މަޖިލީހުގެ ރިޔާސަތުން ހުރިހާ މެންބަރުންނަށް ވެސް އިލްތިމާސް މި ކުރައްވަނީ ވަޑައިގަތް ދެއްވާށޭ. ވޯޓުގައި ބައިވެރިވެ ދެއްވާށޭ،" ނިހާން ވިދާޅުވިއެވެ.

"މިހާރު މި ނިކުންނަ މައްސަލައަކީ މީގެ ކުރީގަ 43 މެންބަރުން ތިއްބަވައިގެން ހަމަކުރަން ޖެހޭ މައްސަލަތަކަށް ވަކިކަލަހަ ރައުޔެއް ސުޕްރީމް ކޯޓުން ހޯއްދެވުން އެބައޮތް،"

ނިހާން ވިދާޅުވީ، ތިން ދުވަހު މަޖިލީހުގެ ރިޔާސަތުން މެންބަރުންނަށް އިލްތިމާސް ކުރެއްވުމަށްފަހު ވޯޓަށް އަހާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މަޖިލީހުގެ ޖަލްސާތަކަށް ނުދާ ސަބަބުތައް އިދިކޮޅު މެންބަރުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް އެ މެންބަރު ހުށަހެޅުއްވި ގަރާރު މަޖިލީހުން ބޭރުކޮށްލާފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް އެ މެމްބަރުން އަންނަނީ ބުނަމުންނެވެ. އަދި ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެންބަރުންނަށް މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިިވުމުގެ ފުރުސަތު ދިނުމުން ޖަލްސާތަކުގައި ބައިވެރިވާނެ ކަމަށް އިދިކޮޅު މެމްބަރުން އަންނަނީ ބުނަމުންނެވެ.

ކޮމެޓީ މަރުހަލާ ނިމި މިއަދު ވޯޓަށް އެހުމަށް އެޖެންޑާކޮށްފައި ވަނީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލާއި ރިޔާސީ އިންތިޚާބުގެ ގާނޫނަށް ހުށަހަޅާފައިވާ ދެ އިސްލާހުގެ ބިލެވެ.