03 Jul 2018, 15:29
އުތުރުގެ ހަތަރު ރަށަކަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފި އެވެ.
ރައީސް ޔާމީން އިއްޔެ ވަޑައިގެންފައި ވަނީ ށ. ބިލެއްފަހި، ހަމަ އެ އަތޮޅު ކަނޑިތީމާއި ފުނަދޫ އަށެވެ. މިއަދު ވަޑައިގެންނެވީ ށ. މިލަންދޫ އަށެވެ.
އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހާބާ ދެންނެވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު އެވެ.
އިއްޔެ ބިލެއްފައްސަށް ވަޑައިގެން އެރަށުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވަނީ އެރަށުގައި އެއާޕޯޓެއް އަޅުއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި އެކަމަށް ބޭރުގެ ގައުމަކުން ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
އޭގެ އިތުރުން ދަތުރުފުޅުގައި ބައެއް ރަށްރަށުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވަނީ ސަރަހައްދުގެ އެންމެ ބޮޑު ބައިނަލް އަގުވާމީ ސީޕޯޓު އަޅުއްވާނެ ކަަމަށް ވެސް ވިދާޅުވެފަ އެވެ. އަދި މާލެ ސަރަހައްދު ބްރިޖުން ގުޅާލާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.