ކޮލަމްބޯ (ޖުލައި 3): ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ 2015 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިނަށް ޗައިނާއިން ހަރަދު ކުރި ކަމަށް ނިއު ޔޯކް ޓައިމްސް އިން ރިޕޯޓު ކުރުމާ ގުޅިގެން، އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު ރާޖަޕަކްސަ ދެއްވައިފި އެވެ.

ނިއު ޔޯކް ޓައިމްސް އިން މިދިޔަ މަހުގެ 25ގައި ލިޔުނު ރިޕޯޓެއްގައިވާ ގޮތުން ޗައިނާ އިން ވަނީ ރާޖަޕަކްސަގެ ކެމްޕެއިނަށް 7.6 މިލިއަން ޑޮލަރާ ގާތްކުރާ ވަރަށް ފައިސާ ހަރަދުކޮށްފަ އެވެ.

ނަމަވެސް ރާޖަޕަކްސަ ވަނީ އެތުހުމަތުތައް ދޮގު ކުރައްވާފައި އެވެ. އަދި އެ ފައިސާ ފޮނުވާފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ހާބާ އިންޖިނިއަރިން އިން ކަމަށް ޓައިމްސްގައި ރިޕޯޓުކޮށްފައި އޮތް ނަމަވެސް، އެފައިސާ ފޮނުވާފައި ވަނީ ކޮންބަޔަކަށް ކަން ބުނެފައި ނެތް ކަން ރާޖަޕަކްސަ ފާހަގަ ކުރެއްވި އެވެ.

ނިއު ޔޯކް ޓައިމްސްގައިވާ ގޮތުން ޗައިނާ އިން ދިން ފައިސާގެ މައުލޫމާތު ހޯދާފައި ވަނީ ލަންކާގައި މިހާރު ކުރިއަށްގެންދާ ތަހުގީގަކުންނެވެ. ނަމަވެސް ރާޖަޕަކްސަ ވިދާޅުވި ގޮތުގައި އެ މައުލޫމާތު ބިނާކޮށްފައި ވަނީ ރޮއިޓާސް އިން 2015 ވަނަ އަހަރު ލިޔުނު ރިޕޯޓަކަށެވެ. އަދި އެގައުމުގައި މިހާރު އޮތް ސަރުކާރަކީ ވެރިކަމަށް އައި ފަހުން އިދިކޮޅު ފަރާތްތަކުގެ އަގު ވައްޓާލަން މަސައްކަތް ކުރާ ބަޔެއް ކަމަށް ވިދާޅުވެފަ އެވެ.

ރާޖަޕަކްސަގެ އިތުރުން އޭނާއަށް ތާއިދު ކުރާ ފަރާތްތަކުން ވެސް ވަނީ އެރިޕޯޓަށް ފާޑު ކިޔައިފަ އެވެ. އެގޮތުން އެރިޕޯޓު އެކުލަވާލުމުގައި އެހީތެރިވި ލަންކާގެ ނޫސްވެރިންނަށް ފާޑު ކިޔުމުގެ ގޮތުން ރާޖަޕަކްސައަށް ތާއިދު ކުރާ ފަރާތްތަކުން ވަނީ ނޫސް ކޮންފަރެންސެއް ބާއްވާފައި ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުންޏެވެ.

އަދި އެއީ "ފާޑު ކިޔާ ފަރާތްތަކުގެ އަޑު މަޑުކޮށް، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުން" ކަމަށާއި ނޫސްވެރިންނަށް އެފަދައިން ބިރު ދެއްކުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ޓައިމްސްގައި ބަޔާނުގައިވެ އެވެ.