ފާސްވުމަށް ބޭނުންވާ އަދަދަށް މެންބަރުން ހާޒިރުވެ ނެތުމުން އިއްޔެ ފަސް ކުރި، އިންތިޚާބުތަކުގެ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހުތަކަށް ވޯޓަށް އެހުން މިއަދުގެ ޖަލްސާއަށް އެޖެންޑާކުރި ނަމަވެސް ކުރިއަށް ނުގެންދެވިގެން ޖަލްސާ ނިންމާލައިފިއެވެ.

މިއަދުގެ ޖަލްސާ އެންމެ ފުރަތަމަ އެޖެންޑާ ކޮށްފައިވަނީ މެންދުރު އެކެއް ޖަހާ އިރަށެވެ. އެކެއް ޖެހިއިރު މަޖިލިސް ފެށުމަށް ފަހު ވަނީ 1:30އަށް ލަސްކޮށްފައެވެ. ނަމަވެސް އެ ޖަލްސާގައި ވެސް ތިން އިސްލާހަށް ވޯޓަށް އެހޭ ވަރަށް މެންބަރުން ހާޒިރުވެ ނެތުމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.

މިއަދުގެ ޖަލްސާއަށް ހާޒިރުވެފައި ވަނީ 27 މެންބަރުންނެވެ. އިދިކޮޅު އެއްވެސް މެންބަރެއް މިއަދުގެ ޖަލްސާއަށް ހާޒިރުވެފައެއް ނުވެއެވެ.

ކޮމެޓީ މަރުހަލާ ނިމި މިއަދު ވޯޓަށް އެހުމަށް އެޖެންޑާކޮށްފައި ވަނީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލާއި ރިޔާސީ އިންތިޚާބުގެ ގާނޫނަށް ހުށަހަޅާފައިވާ ދެ އިސްލާހުގެ ބިލެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ، ވޯޓަށް އެހުމަށް ބޭނުންވާ އަދަދަށް މެންބަރުން ހާޒިރުވެ ނެތުމުން މިއަދުގެ ޖަލްސާ ނިންމާލެއްވީ ކަމަށެވެ.