ކ. ހުރާގައި ހިނގި ހާދިސާއަށް ފުލުހުންނަށް ވަގުތުން ނުދެވުނީ އެ ހިސާބުގަނޑުގައި އެ ވަގުތު ފުލުހުންގެ ލޯންޗެއް ނެތުމުން ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު ހުރައަށް ދަތުރު ގޮސްގެން އުޅެނިކޮށް ގެނބިގެން މަރުވި ހިރިޔާ ސްކޫލްގެ ޕްރިންސިޕަލާއި އެ ސްކޫލްގެ ހަތަރު ދަރިވަރަކު މަރުވި ހާދިސާގެ ތަހުގީގު ކުރިއަށްދާ ގޮތާ ގުޅޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންސްޕެކްޓާ އޮފް ޕޮލިސް އަބުދުﷲ ނަވާޒު ވިދާޅުވީ މިކަން ހިނގާދިޔަ ގޮތް ކަމާބެހޭ ފަރާތްތަކާ ސުވާލުކޮށްގެން ބަލަމުން އަންނަ ކަމަށެވެ.

ނަވާޒު ވިދާޅުވީ ހާދިސާ ހިނގި ކަމުގެ މަޢުލުމާތު ފުލުހުންނަށް ލިބިފައި ވަނީ 9:48 އެހާއިރު ކަމަށާއި އަދި އެވަގުތު އެ ސަރަހައްދަށް ފުލުހުންގެ ލޯންޗެއް ނުފޮނުވުނީ އެ ހިސާބުގައި ފުލުހުންގެ ލޯންޗެއް ނެތުމުން ކަމަށެވެ. އަދި މާލެ ކައިރީ ރަށެއްގައި ކަމެއް ހިނގައިގެން އުޅޭއިރު ދަތުރުފަތުރުގެ ކަންތައް ހަމަޖައްސަނީ މާލޭން ކަމަށް ވެސް ނަވާޒު ވިދާޅުވި އެވެ.

"އެހިސާބުގަނޑުގައި އެވަގުތު ފުލުހުންގެ ލޯންޗެއް ނެތުމުން މާލޭން ހަމަޖައްސައިގެން އެ ތަނަންދާން ނެގި ވަގުތެއް ނަގާފައި އެވަނީ،" ނަވާޒު ވިދާޅުވި އެވެ.

ނަވާޒު ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭއިރު، ފުލުހުން ތައްޔާރީ ހާލަތުގައި ދާއިރު ވަގުތުކޮޅެއް ނަގާނެ ކަމަށާއި އަދި ބައެއް ބޭފުޅުނުންނަށް އެއީ ލަސްވަގުތުކޮޅެއް ކަމަށް އިހްސާސްވުމަކީ ގަބޫލު ކުރެއްވާ ކަމެއް ކަމަށެވެ. ނަވާޒު ވިދާޅުވީ ވަގުތުން އެ ސަރަހައްދަށް ފުލުހުންނަށް ނުދެވުނު ނަމަވެސް އަންގަންޖެހޭ ފަރާތްތަކަށް އަންގާ ފުލުހުންގެ ފަރާތުން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފައިވާނެ ކަމަށެވެ.

ފުލުހުން ބުނީ ހުރާގައި ހިނގި ހާދިސާގެ ޚަބަރު ލިބުނު ހިސާބުން ފެށިގެން ފުލުހުން އެލާޓަށް އައިސްފައިވާނެ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ފުލުހުން ޢަމަލު ކުރި ގޮތާ ގުޅިގެން ދެކެވެމުން އައި ވާހަކަ ތަކަށް ރައްދެއް ދީފައިނުވަނީ މިފަދަ ދަނޑިވަޅެއްގައި އެއީ ރަނގަޅު ގޮތެއް ކަމަށް ދެކި ވަޑައިނުގަންނަވާތީ ކަމަށް ނަވާޒު ވިދާޅުވި އެވެ.

ނަވާޒު ވިދާޅުވީ ފުލުހުން އެކަމުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވި ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެފަދަ ހާދިސާ ތަކުގައި ގިނަ ފަހަރަށް ހަރަކާތްތެރިވާނީ ސިފައިން ކަމަށާއި އެހާލަތުގައި ސިފައިން އެދޭ ކޮންމެ އެހީއަކަށް ފުލުހުން ތިބޭނީ ތައްޔާރަށް ކަމަށެވެ.

"އެމްއެންޑީއެފްގެ ފަރާތުން އެފަދަ ރެސްކިއު އޮޕަރޭޝަނެއްގައި އުޅޭއިރު ފުލުހުންގެ ފަރާތުން އާންމުގޮތެއްގައި އެބޭފުޅުން ބޭނުންވެ ލައްވާ އެހީތެރިކަމެއް ފިޔަވައި ފުލުހުން އިތުރަށް އެކަމުގެ ތެރޭ ނޫޅުނު ސަބަބަކީ އެންމެންޑީއެފް އަކީ އެފަދަ ހާދިސާތަކުގައި އެންމެފުރަތަމަ ހަރަކާތްތެރިވާ ފަރާތައް ވެފައި އެ މަސައްކަތުގައި ބޭނުންވާ އެހީތެރިކަން ފިޔަވައި އެހެން ކަމަކާ އުޅެން ފަށައިފިނަމަ އިތުރު މައްސަލަތަކެއް ދިމާވެދާނެތީ،" ނަވާޒު ވިދާޅުވި އެވެ.

ނަވާޒު ވިދާޅުވީ ފުލުހުން ކުއްޔަށް ލޯންޗެއް ހިފަން ފޯ ސީޒަން ރިސޯޓަށް ވެސް ގުޅި ކަމަށާއި އޭރު ފޯ ސީޒަންގެ ލޯންޗުގައި ހަތަރު ކުއްޖަކު މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުންދިޔަ ކަމަށެވެ. އަދި އެވަގުތު ފުލުހުންގެ ވެހިކަލްތައް ލޯންޗު އަންނަ ސަރަހައްދަށް ގެންގޮސް އެކުދިން ހޮސްޕިޓަލަށް ގެންދިއުމުގައި އެހީތެރިވެދީފައިވާނެ ކަމަށާއި ހުރާގައި އެވަގުތު ތިބި ކުދިން މާލެ ގެނައުމުގައި ވެސް ފުލުހުން ޢަމަލީ ގޮތުން ބައިވެރިވެފައިވާނެ ކަމަށް ނަވާޒު ވިދާޅުވި އެވެ.