03 Jul 2018, 13:12
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިން މޭޓަކަށް ޖުމްހޫރީ ޕާޓީން ކަނޑައަޅާ ބޭފުޅަކު މި މަހުގެ 10 ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.
ޖުމްހޫރީ ޕާޓީން މިއަދު އެ ޕާޓީގެ މައި ޖަގަހަ ހިންގާ ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސެކެޓްރީ ޖެނަރަލް އަހްމަދު ސަމީރު ވިދާޅުވީ ރަނިން މޭޓަކު ހަމަ ނުޖެހިގެން އަދި ލަސް ނުވާ ކަމަށާއި އަސީސީ ގަވާއިދުގެ ތެރެއިން އެކަން ކުރައްވާނެ ކަމަށެވެ.
ސަމީރު ވިދާޅުވީ އެ ޕާޓީގެ މަގާމްތަކަށް ކުރިމަތި ލެއްވުމަކީ ކޮންމެ މެންބަރަކަށް ވެސް އޮތް ފުރުސަތެއް ކަމަށާއި ވަކި މީހަކަށް މަގާމެއް ދިނުމަށް އެންޑޯޒް ކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން ނިންމަން ޖެހޭ ނިންމުމެއް އެހެން ޕާޓީއަކުން ނުނިންމޭނެ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޓައިމް ފްރޭމްގައި ކަންކަން ނިންމާނެ ދުވަސް އެބައޮތް. ވީޕީ އެއް ނުވަތަ ރަނިން މޭޓަކު ގޮތުގައި ނިންމާ ނިންމުމުގެ ކަންތައް މި މަހުގެ 10 އަކާ ހަމައަށް ވަނީ ލަސްކުރެވިފައި. އަދި އެކަމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން މިދަނީ،" ސަމީރު ވިދާޅުވި އެވެ.
ސަމީރު ވިދާޅުވީ ރަނިން މޭޓުގެ ނަން އަންނަ އަންގާރަ ދުވަހު އިއުލާން ކުރައްވާނެ ކަމަށް ލީޑާޝީޕުން މިހާރު ވަނީ ނިންމާފައި ކަމަށެވެ.
އިދިކޮޅު ޕާޓީތަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެއް ކެންޑިޑޭޓަކު ނެރުމަށް ވަނީ އެއްބަސްވެފަ އެވެ. އަދި ރިޔާސީ ކެންޑިޑޭޓަކު ހަމަ ޖެއްސުމުގެ ފުރުސަތު އެމްޑީޕީއަށް ދީފައިވާ އިރު ރަނިން މޭޓަކު ހަމަ ޖެއްސުމުގެ ފުރުސަތު ދީފައި ވަނީ ޖުމްހޫރީ ޕާޓީއަށެވެ.