12 Sep 2011, 19:25
އޭރަކު ސުވާލެއް ނެތެވެ. އެކަމަކު އެއީ މީގެ 12 ވަރަކަށް އަހަރު ކުރި އެވެ. އޭރުގެ ޔޫތު މިނިސްޓަރު ޑރ. މުހައްމަދު ޒާހިރު ހުސައިންގެ އަރިހުގައި ހުރާގެ ހިތްގައިމު ކުޅީގެ މާހައުލުގެ ތެރެއިން އަޅާފައި ގޮސް ވަދެވުނު ޔޫތު ކޭމްޕަކީ ރަނގަޅަށް ފައްކާކޮށްފައިވާ ތަނެކެވެ. ކޭމްޕް ފެސިލިޓީޒްގައި ކުއްލި ހާލަތުގައި ފަރުވާ ދެވޭނެ ނިޒާމާއި ލައިފްޖެކެޓާއި ލައިފްބޯއި ހުއްޓެވެ. ސިކިއުރިޓީ ވަނީ ގާއިމުކޮށްފަ އެވެ. މޫދަށް އެރި އުޅޭ މީހުންނަށް ހާއްސަކޮށްފައިވާ ފުންގަނޑުގެ ސަރަހައްދު ބެލެހެއްޓޭނެ ފިޔަވަޅުތައް އަޅައި ސަމާލުވުމުގެ ލިޔުން ބަހައްޓާފައި ހުއްޓެވެ. ކަމާދާވަރަށް މީހުންލާފައި ތިއްބެވެ.
އޭރު ސުވާލެއް ނެތަސް ޔޫތު މިނިސްޓަރީގެ ހުރާ ކޭމްޕާއި އެ ކޭމްޕާ ގުޅިފައިވާ މޫދުގައިވާ ފުންގަނޑާ މެދު މިހާރު ވަނީ އެތަކެއް ސުވާލެއް އުފެދިފަ އެވެ. ހިރިޔާ ސްކޫލްގެ ދަރިވަރުން ހުރައަށް ކުރި ދަތުރުގައި ކޭމްޕުގެ ސައިޓުގައިވާ 150 ފޫޓު ދިގު އަދި ފުޅާ މިނުގައި 60 ފޫޓު ހުންނަ ފުންގަނޑަށް އެރިއުޅުނު ދަރިވަރުން ގެނބި ހަތަރު ދަރިވަރަކު މަރުވެ ސްކޫލް ޕްރިންސިޕަލް އަވަހާރަވާން ދިމާވި ހިތާމަވެރި ހާދިސާއަށް ފަހު، އެ ފުންގަނޑަކީ ފުންމިން ނޭނގޭ "ކަނޑަކަށް" ވެއްޖެ އެވެ. ސުވާލަކީ އެއީ އެހާ ނުރައްކާތެރި ތަނެއް ހެއްޔެވެ؟ ދިޔަވަރާއި އޮއިވަރު ބަދަލުވުމުން ގޮތް ނޭނގޭ، ފުންމިނާއި ބޮޑުމިނުގެ ކޮޅެއް މެދެއް ނޭނގޭ ނުރައްކަލުގެ މާޒީއެއް އޮތް ތަނެއް ހެއްޔެވެ؟
މީގެ 12 ވަރަކަށް އަހަރު ކުރިން ޔޫތު މިނިސްޓްރީން ހުރާގައި ހެދި ޔޫތު ކޭމްޕަކީ ރަށުގެ އިރު އުތުރު ފަރާތު ގޮނޑުދޮށަށް ވާގޮތަށް ހަދާފައިވާ ތަނެކެވެ. ކޭމްޕާ ގުޅޭ އިރުއުތުރު ފަރާތު މޫދުގައި ފުންގަނޑެއް ހަދަން ޖެހުނީ ކޭމްޕު ކުރާ މީހުން މޫދަށް އެރޭވަރަށް ވުރެ އެ ސަރަހައްދުގެ މޫދު ތިލަވުމުންނެވެ.
ސްކޫލްތަކާއި އާންމު ފަރާތްތަކާއި އޮފީސްތަކާއި ޖަމިއްޔާތަކުން ހޯދުމަށް އަބަދުވެސް ކިޔޫޖެހިފައި އޮންނަ ހުރާ ކޭމްޕަކީ އަބަދުވެސް "ބިޒީ" ތަނެކެވެ. ހަފުތާ ބަންދު ނޫނަސް ކޮންމެވެސް ބަޔަކު ތިބެނީ ކޭމްޕު ޖަހައިގެނެވެ. ހިރިޔާ ސްކޫލްގެ ދަރިވަރުންނަށް ދިމާވިފަދަ ހިތާމަވެރި ހާދިސާއެއް ކޭމްޕް ތެރެއިން ވެސް ފުންގަނޑުން ވެސް ފެންމަތިވެފައެއް ނުވެ އެވެ. )އެހިސާބުގަނޑުގެ އެހެން ދިމާއަކަށް ދަރިވަރުންތަކެއް ގޮވައިގެން ގޮސް އުޅުނު ޓީޗަރުންތަކެއް މީގެ ފަސް އަހަރު ކުރިން އޮޔާ ބޭރަށް ދަމައިގަނެ ބެހެމުން ދަނިކޮށް ހުރާ މީހުން ސަލާމަތްކޮށްފައި ވެއެވެ.(
ބަންދު ދުވަސްތަކުގައި ކޭމްޕް ސައިޓަކީ ބިޒީ ތަނެކެވެ. ކޮންމެ ބަންދެއްގައި އެތަނަށް އެތައް ބަޔަކު ދަތުރު ދެ އެވެ. މޫދަށް އެރި މަޖާކޮށް ހަދަ އެވެ. އެކަމަކު ހިރިޔާ ސްކޫލުގެ ދަރިވަރުންނަށް ކުރިމަތިވި ވަރުގެ ބިރުވެރި ހާދިސާއެއް ދުވަހަކު ވެސް ހިނގާފައެއް ނުވެ އެވެ.
ހާދިސާއަށް ދެ ދުވަސް ފަހުން ސަންގެ ނޫސްވެރިން ވަނީ ކޭމްޕަށް ގޮސް ފުންގަނޑަށް އެރި ފަތައި ފީނާފަ އެވެ. މުޅި ފުންގަނޑަށް ބަލާއިރު އެއީ ހިކި ދިޔައިގައި މުޅިން ހިކިފައި އޮންނަ ތިލަ މޫދުގައި ހައިމާކުން ވަށައިގެން ސީދަލަށް އެއް ލެވެލަކަށް ކޮނެފައިވާ ބޮޑު ބިޔަ "ވަޅެ" ކެވެ. އޮއިވަރާއި ދިޔަވަރާއި ބާންޏާއެކު ފްލޯ ލެވެލަށް ބަދަލެއް އައި ނަމަވެސް ކިސަޑު ފަށަލައެއް އޮންނަ އެ ފުންގަނޑުގެ ހުރިހާ ދިމާއަކުން ވެސް ފުނަށް 11 ފޫޓު ހައިންޗި ހަމަވެ އެވެ. ބައެއް ދިމާ ދިމާގައި 11 ފޫޓު ނުވަ އިންޗި ހުރެ އެވެ. މޫދަށް އެރި ފީނައި ފަތާލައި ހަދަން އެ ފުންގަނޑަކީ ވަރަށް ހިތްފަސޭހަ، އެހާ ރީތި ވިލެއް ގޮތަށް އޮންނަ ތަނެކެވެ. ހިކި ދިޔައިގައި އެއީ ރީތި ވިލު ނޫ ކުލައިގެ "ސުވިމިން ޕޫލެ"ކޭ ވެސް ބުނެވިދާނެ އެވެ.
ފުންގަނޑުގެ ހަތަރު ބިތުގެ އެތެރެ ކައިރިފަށް އޮންނަނީ "ސްލާންޓް" ކޮށެއް ނުވަތަ ބަނޑަކަށް ވާގޮތަށް ކައްޗަކަށް ނޫނެވެ. ނަމަވެސް ގޮނޑުދޮށާވީ ފަޅިއާއި ބޭރު ފަރާތާވީ ފަޅި އޮންނަނީ ހިސާބަކަށް ކައްޗަށް ބަނޑުލައިފަ އެވެ. އެ ދެ ފަރާތުގައި ވެސް ފަރެއް ނިމެންދާއިރު އޮންނަ ކަހަލަ މުރަކަ ހެދިފައި ހުރެ އެވެ. އަނެއް ދެފަޅީގެ ކައިރިފަށް އޮންނަނީ އެއްވެސް ބަނޑިއަކާ ނުލައި ފާރެއްހެން އޮލަނބަށް ތިރިއަށް އޮބާފަ އެވެ. ފުންގަނޑަށް އެރޭ މީހަކު ފައި ޖެހެމުން ފުންވަމުން ފުންވަމުން ދިއުމުގެ ބަދަލުގައި ސީދަލަށް ހުރި ގޮތަށް ފައިބައިގެން ދާނީ އެވެ. އެއްގަމާއި ބޭރު ފަރާތަށް ބަލާއިރު އެ ދެފަރާތުގައި ކިސަޑު އުފެދި ބައެއް ދިމާގައި މުރަކަ ހެދިފައި ހުރުމުގެ ސަބަބުން ފުންގަނޑަށް އެރިއުޅޭ މީހުން ވެސް އެ ދެފަރާތުން ފައިބައި އުޅޭނެ ހެނެއް ހީއެއް ނުވެއެވެ. އެ ދެފަރާތް އެގޮތަށް އޮތުމުގެ ސިއްރަކީ އެއީ ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.
ސަކަރާތް ގަންނަމުން ކަމަށް ވިޔަސް އަދި ފަހަތަށް ހިނގަމުން ކަމަށް ވިޔަސް މިރަށު މީހުން ކިޔައިދޭ ގޮތުން ވިއްޔާ ކުދިން ފުންގަނޑާ ކައިރިވެފައި ވާނީ ކައިރިފަށް ސީދަލަށް ހުރި ފަޅިންނެވެ. މިރަށު މީހުންނާއި ކުދިން ބުނާ ގޮތަށް ބަލައިފިނަމަ މޫދުގައި ސަކަރާތް ޖަހަމުން ގޮސް އެދިމާއިން އެތެރެއަށް ކުދިން ވެއްޓުނީ އެވެ. ނޫނީ ސަމާސާއިން ރެކެންވެގެން ދުއްވައިގަތުމުން ނުވަތަ ފަހަތަށް ފިޔަވަޅެއް އެޅުމުން އެހެންނޫނީ ސަމާސާ އަށް ކޮއްޕާލުމުން ފުނަށް ފައިބައިގެން ދިޔައީ އެވެ. މިއިން ކުއްޖަކީ ފަސޭހަކަމާއެކު ފަތަން ދަންނަ ކުދިން ކަމެއް ވެސް ނުވަތަ ފެންމަތީގައި އޮވެވޭވަރަށް ޖަހައިލެވޭވަރުގެ ކުދިން ކަމެއް ވެސް މިހާތަނަށް ސާފުވެފައި ނެތުމުން ކަން ހިނގި ގޮތާއި ދިމާ ނުވުމަކީ ގާތް ކަމެކެވެ.
ފުންގަނޑުގެ އެކި ހިސާބުގެ އޮއިވަރާއި ބާންޏާ މެދު ވިސްނާލާއިރު ވަރުގަދަ އޮއެއް ނުހިނގަ އެވެ. އެކަމަކު ބައެއް ވަގުތުތަކުގައި އާދައިގެ ސްނޯކަލިން އެއްގައި އުޅޭ މީހަކު ޖަހާ ޖެހުމަށް ނުގުޑާ ފަހަރު އާދެ އެވެ. ކުރިއަރަން ބޭނުންނަމަ ޖެހެނީ ދެ އަތަށް ބާރެއްލާފައި ޖަހާށެވެ. ފީނާފައި ފުންގަނޑުގެ އަޑިއަށް ގޮސް އޮންނައިރު ހިސާބެއްގެ ބާންޏެއް ހުރެފައި އެކި ފަހަރު އެކި އަތަށް ގެންދެ އެވެ. ކެތް ނުކުރެވޭވަރުގެ ނުރައްކާތެރި ވަރުގަދަ ބާންޏެއް އެއް ވެސް ދިމާއަކު ނޫފެދެ އެވެ.
"މަރުގެ ފުންގަނޑު"ގެ ގޮތުގައި މިހާރު ބެލެވިފައިވާ ފުންގަނޑުގައި ގަދަފަދަ "ކަރަންޓް" އުފެދޭނެ ކަމަށް ބައެއް މީހުން ބުނާ ބުނުމަށް މިރަށުގެ މީހުން ބުނަނީ އެ ފުންގަނޑުގެ ދިޔަވަރާއި އޮއިވަރާއި ވަނަވަރު އެނގޭނީ މިރަށުގެ މީހުންނަށް ކަމަށެވެ.
"ބައެއް މީހުންނަށް ވަނީ ހުރާ ތުނޑީގެ ފުންގަނޑާއި ކޭމްޕްގެ ފުންގަނޑު ވަރަށް ބޮޑަށް އޮޅިފައި، މިއީ މުޅިން ދެ ތަނެއް. ކޭމްޕުގެ ފުންގަނޑުގައި އޮއެއް ނާޅާނެ، އޮޔަކަށް ވާހަކަހަލަ އޮއެއް އޮތަސް އޮންނާނީ އިރުވައިގެ ހަޅައިގެ ތެރޭގައި. މިހެން ބުންޏަސް ދިޔަވަރު ބޮޑުވެ ހިނދޭ ކޮންމެ ތަނެއްގައި އޮއެއް ހިނގާނެ އެކަމަކު މީހުން މިކިޔާ ކަހަލަ އޮއެއް ނޯންނާނެ. މިއީ ހަމަ އިރު އުތުރު ފަރާތުން ގުދުރަތީ ގޮތުން މަޑުމަޑުމަޑުން ދިޔަވަރު ހިނގަ ހިނގާ އޮންނަ ތަނެއް،" މިރަށުގެ މާމުއި ހަނދު، އަބުދުލް ހަފީޒު ބުންޏެވެ.
ކައުންސިލުގެ ނައިބު ރައީސް އީސާ އަހުމަދު ވިދާޅުވީ ހުރާ ކޭމްޕުގެ ފުންގަނޑުގެ މާޒީއަށް ބަލާއިރު އޮޔާ ދަމައިގަނެގެން ހާދިސާއެއް ހިނގާފައި ނުވާ އިރު ގެނބިގެން ވެސް މީހަކު މަރުވެފައި ނުވާ ކަމަށެވެ. އަދި ބާންޏާއި އޮއިވަރު ގަދަވެ މީހުންނަށް އެރެން ނުކުޅަދާނަ ތަނެއްގެ ގޮތުގައި ވެސް މިހާތަނަށް ފާހަގަ ވެފައި ނުވާ ކަމަށެވެ.
"އެތާކު އޮއެއް ނުހިނގާނެ، ހިސާބަކަށް އޮއެއް އުފެދުނަސް އެތަނުގެ ދިޔަވަރު ހިނގާ ގޮތުން ދަމާނީ ހޭޅިއާ ގާތަށް ތިލަފަށަށް، އެއީ ގުދުރަތީ ގޮތުން އެތަނުގައި އޮންނަ މަޑު އޮއި ހިނގާ ގޮތް. އެހެންވީމާ ފުންގަނޑުގައި ވަރުގަދަ އޮއެއް ހިނގާ ކަމަށް ބުނާ ބުނުމަކީ ބުއްދިއަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން. އަދި އެފަދަ ހާލަތެއް މެދުވެރިވުމަށް މޫސޫމީ ކުއްލި ބަދަލެއް އައީއަކީ ވެސް ނޫން. އެތަނުގެ ވެއްޓާ ބަޔަކު ކުޅުނީއަކީ ވެސް ނޫން،" އީސަ ވިދާޅުވި އެވެ.
ފަރާއި ކަނޑުގެ ވަނަވަރުގެ ތަޖުރިބާ ހުރި މަސްވެރި އާބާދީއެއް އޮންނަ މި ރަށުގެ މީހުން އެހެން ބުނި ނަމަވެސް މެރިޓައިމް ދާއިރާގެ ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އޮއެއް ނުހިނގި ނަމަވެސް ރަނގަޅަށް ދިޔަވަރު ފޫދި، އަދި ހިނދޭ މޫދުގެ ވެށީގައި ބައެއް ވަގުތުތަކަށް އާދަޔާ ހިލާފު އޮއިވަރެއް އުފެދުމަކީ ވެދާނެ ގޮތެކެވެ.
"އޭގެ ތެރެއިން އެއް ގޮތަކީ ވަޔަށް އާދަޔާ ހިލާފު ބަދަލެއް އައުން. އަނެއް ގޮތަކީ ދިޔަވަރު ފޫދި ހަމަ ލެވެލަށް އައުމަށްދާ ވަގުތުކޮޅު، މިހަލަ ވަގުތެއްގައި އެފަދަ ތިލަ ތަނެއްގެ ތެރޭގައި އޮންނަ 11 ވަރަކަށް ފޫޓު ފުން ވަޅުގަނޑަކާ ދިމާއަށް ދިޔަވަރު ހިނގާ ސްޕީޑު ވަރަށް ބާރުވެދާނެ، އަދި ވައިރޯޅިއަށް ބަދަލު އަންނަ ވަގުތާ ފޫދޭ ވަގުތާ ދިމާވެއްޖެއްޔާ ބާންޏާއެކު ޕްރެޝަރު އުފެދިގެން އައުމަކީ ތޮބީއީ ކަމެއް، އެއީ އެކަހަލަ ވެއްޓަކަށް އަންނާނެ ބަދަލެއް،" މެރިޓައިމް ދާއިރާއިން ކިޔަވާ ވިދާޅުވެފައިވާ މުހައްމަދު އަލީ ވިދާޅުވި އެވެ.
މެރިޓައިމް ދާއިރާގެ ބައެއް އެހެން ބޭފުޅުން ވެސް މި ތިއަރީ ގެންގުޅުއްވަ އެވެ. ހަމައެހެންމެ އެދާއިރާ އެހެން ބައެއް ބޭފުޅުން އެފަދަ ފުންގަނޑެއް އޮތް ސަރަހައްދާ ގުޅިފައިވާ ރަށާއި ފުންގަނޑާ ހުރި ދުރުމިނަކީ ކިހާވަރެއްގެ ދުރުމިނެއްތޯ ސުވާލު އުފައްދަ އެވެ.
މިރަށުގެ ކޭމްޕްގެ ފުންގަނޑު ރަށުގެ ކޯސްޓަލް ވެޖިޓޭޝަނާ ލާމެހެނީ ކިހާ ދުރުމިނަކުންތޯ ބަލަން ސަންގެ ނޫސްވެރިން ދިޔައިރު ދަރިވަރުންނާއި ޕްރިންސިޕަލް ގެނބުނު ގޮތުގެ ސީންއެއް ތަހުގީގު ފުލުހުން ކްރިއޭޓްކޮށްފައިވާތީ މިން ޖެހޭ ގޮތެއް ނުވި އެވެ. ލަފާވާ ގޮތުން އަދި ފެންނަ ފެނުމަށް ބަލައި ހިސާބެއް ޖަހާނަމަ ފުންގަނޑާއި ރާޅުފަށާ ދެމެދަށް ހުންނާނީ 60 ނޫނީ 70 ވަރަކަށް ފޫޓެވެ. ތަޖުރިބާކާރުން ވިދާޅުވަނީ އެ ނިސްބަތަށް ބަލާނަމަ ބާރުގަދަ އޮއެއް އުފެދުމަކީ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.
"އެހެން އޮއި ނާޅާ އޮންނަ ތަނެއްގައި ކުއްލި އޮއެއް އުފެދެން ދިމާވާއިރު އެކަން ޑިޕެންޑްވާނެ ރަށާ ކިހާ ދުރެއްގައިތޯ ފުންގަނޑު އޮތީ ރަށުގެ ހޭޅި ފަށުގެ މޫދުގެ މާޑުތަކާއި ރާޅާއި މުޅި ކޯސްޓަލް ވެޖިޓޭޝަން އިން އޮއިވަރާ ކުޅެ، ކޮންޓްރޯލު ކުރަމުންދާނެ އެއީ ވަރަށް ހަރުދަނާ ކޮށް ސާކިއުލޭޓްވާ ފަށަލައަކުން ފަށަލައުން އޮއިގެ ބާރު ކޮންޓްރޯލު ކުރުވާ ގުދުތުރަތީ ނިޒާމެއް. މިސާލަކަށް އެނިޒާމު އަޅުގަނޑުމެން ހަލާކުކޮށްލީމާ ރަށްތައް ގިރައިގެން އެބަދޭ، އަދި އެހެން ދިމަ ދިމާއިން ވޮޑެމުން އެބަދޭ މިހިރީ ދިމާއަށް ފެންނަން ހުރި މިސާލުތައް،" ބޯޓު ދަތުރު ކުރުމުގައި ގިނަ ދުވަސް ހޭދަ ކުރައްވައި ނިޔަމިކަން ދެނެވަޑައިގަންނަވާ ބޭފުޅެއް ކަމަށްވާ އަހުމަދު އިބުރާހިމް ދީދީ )ދީދީ( ވިދާޅުވި އެވެ.
ބައެއް މީހުން ބުނަނީ އޮއިގެ ސަބަބުން ހާދިސާ ހިނގީ ކަމަށް ބެލެވޭ ކަމަށެވެ. ގިނަ މީހުން ދައްކަނީ ވެސް އޮއިވަރުގެ ވާހަކަ އެވެ. އޮއި ނުހުންނާނެ ކަމަށް ބުނަނީ މިރަށު މީހުންނެވެ. ބައެއް ތަޖުރިބާކާރު ބޭފުޅުން ވިދާޅުވަނީ ހާދިސާ ހިނގުން އޮއިވަރރުގެ މައްޗަށް ބިނާ ކުރެވޭ މިންވަރަށް އޮއިވަރު ނެތުމުގެ މައްޗަށް ވެސް ބިނާވާނެ ކަމަށެވެ.
"އެކަހަލަ ތިލަ ތަނެއްގައި އޮންނަ ފުން ތަނެއްގައި އޮއި ނެތުމަކީ ވެސް ހާދިސާއެއް ހިނގުމަށް މެދުވެރިވެދޭނެ ސަބަބެއް. އޮޔާއި ވައި ނެތް ނަމަ އެކަހަލަ ތަނެއްގައި ސަލާމަތް ހޯދުމުގެ ބާރު ކުޑަވަގެންދާނެ،" ބޭފުޅަކު ވިދާޅުވި އެވެ.
ފުންގަނޑާ މެދު އެހެން ނަޒަރުން ބަލައިލަމާހެއްޔެވެ؟ އެ ސަރަހައްދާ ގުޅިފައިވާ ހޭޅިފަށަށް ބަލާއިރު އެއްގަމުން ފުންގަނޑު ފެންނަ ގޮތަށް ހަނިހަނި ތިން މަގެއް ގޮނޑޮދޮށަށް ފޫވެއްޓިފައި އޮވެ އެވެ. އެއްގަން އަނދިރިވެފައި ގަސްތައް ހެދިފައި އޮންނަ ގޮތުންނާވެސްއެކު އެއްގަމުގައި ތިބޭ ބަޔަކަށް ފުންގަނޑުގެ ތެރޭގައި ތިބޭ މީހުންނާއި ތިލަފަށުގައި ތިބޭ ބައެއްގެ ހަރަކާތެއް ލޮލަކަށް ނުފެންނާނެ އެވެ. ވަރަށް ސަމާލުވެ ހަނި މަގުތަކުން ބެލި ނަމަވެސް ފެންނާނީ "ކުޑަދޮރެއް" ގޮތަށް ދުރުން ފެންނަ ތަންކޮޅެއެއްގެ ސިފައިގަ އެވެ. ބޮޑު މަންޒަރެއް ނުލިބޭނެ އެވެ. މޫދުގައި ތިބޭ ބަޔަކަށް އެއްގަމުގެ ހިލަން ވާނީ ވެސް ހަމަ މިގޮތަށެވެ. މޫދުގައި ނުރައްކަލެއް މެދުވެރި ވެދާނެ ކަމަށް ބަލައި އެއްގަމުގައި އުޅޭ ބަޔަކަށް ފެންނާނެ ކަހަލަ ހާމަކަން ބޮޑުކޮށް ހޭޅި ހުޅުވާލާފައެއް ނުވެއެވެ.
އެއް ވެސް ދިމާއައެއްގައި ލައިފްގާޑް ސްޓޭޝަނެއް ނެތެވެ. މުޅި އެ ތަނުން ފެންނަނީ ބަންގުލަދޭޝްގެ ދެ މީހަކު ދުރުދުރުން އުޅޭތަނެވެ. އެކަކު ބުނާ ގޮތުން އޭނާގެ ކަމަކީ ތަށި ދޮވުމެވެ. އެނެކަކު ބުނާ ގޮތުގައި އޭނާއަކީ ފެން ގުޅާ މީހާ އެވެ.
ފުންގަނޑަކީ އަބަދު މީހުން މޫދަށް އެރޭ ތަނެކެވެ. ޕްރީސްކޫލްގެ ދަރިވަރުން ގޮވައިގެން ވެސް ބައެއް ސްކޫލްތައް ވަރަށް ގިނައިން ކޭމްޕަށް ގޮސް އެރެ އެވެ. ސަރަހައްދުގެ ހޭޅިފަށުގެ މަގޫގަސްތައް މަތީގައި ހައެއްކަ ލައިފްޖެކްޓް އޮތެވެ. ނަމަވެސް ގަހެއްގައި އަޅުވާލާފައި އޮންނާނެ ކަމަށް ބުނާ ރިންގެއް ނެތެވެ. ގަސްތައް މަތީގައި ހުރި ލައިފްޖެކެޓްތަކަށް ބަލާއިރު އެއީ ހިނގައިދިޔަ ހާދިސާއަށް ފަހު ބަހައްޓާފައިވާ ޖެކެޓްތަކެއްހެން ހީވެ އެވެ. އެއް ގޮތަކީ އެ ހިސާބުގައިވާ ލޯންޗު ފަހަރުގެ އެއްޗެއްސަށް ވުމެވެ. އެކަމަކު ވަރަށް ގިނަ މީހުން ބުނި ގޮތުގައި ހިރިޔާ ކުދިންނާއި ޕްރިންސިޕަލަށް ދިމާވި ހިތާމަވެރި ހާދިސާ ފެންމަތިވީއިރު ގަހެއްގައި ލައިފް ރިންގެއް އަޅުވާލާފައި އޮތެވެ. އަދި ގަސްތައް މަތީގައި ވެސް ލައިފްޖެކެޓްތަކެއް ހުއްޓެވެ. ދެ ބަޔަކު ދެ ރިވާއެއް ގެންގުޅޭތީ އެކަމާމެދު ޝައްކު އުފެދެ އެވެ.
ޕޮޒިޓިވް ކޮށްލަމާ ހެއްޔެވެ؟ ޕްރިންސިޕަލަކީ ފަތަން ދެނެވަޑައިގަންނަވާ ކެޑޭޓް ލީޑަރަކެވެ. ކަންކަމުގައި އިސް ނަންގަވާ ބޭފުޅެކެވެ. އަދި ލައިފްޖެކްޓް ވެސް އެބުނާ ތަންތަނުގައި ހުއްޓެވެ. ލައިފް ޖެކެޓްގެ ބޭނުން ހިފުމަށް ވުރެ ވެސް މާ ފަސޭ ގޮތެއް ހާދިސާ ހިނގި ވަގުތު ބޭނުން ކުރެވެން އޮތެވެ. ފުންގަނޑާ ދިމާ އެއްގަމުގައި ކުދިން ކަކޫތާ ފެނަށް އެރިތިބި ތަނުގައި އަދި ޕްރިންސިޕަލް ނާޒިމް ކުދިންނާ ދިމާއަށް ދުވެފައި ވަޑައިގަންނަވާނެ ކަމަށް ލަފާ ކުރެވޭ ދިމާގައި ޑިންގީއެއް އަޅާފައި އޮތެވެ. ނާޒިމްގެ ފައިވާން ހުރީ އެދިމާގަ އެވެ. އެޑިންގީ ފުންގަނޑުގެ ތެރެއަށް ބޭރުކޮށްލެވުނު ނަމަ ސަލާމަތް ވުމުގެ ފުރުސަތު ބޮޑުވީހެވެ. ދެން ސުވާލަކީ ފުންގަނޑުގެ ތެރެއަށް ދަރިވަރުންތައް ގެނބިގެން އުޅުނު ވަގުތު ލައިފް ޖެކެޓް ބޭނުން ނުކުރީ ކީއްވެގެން ބާވައެވެ؟
ތަޖުރިބާކާރުން ވިދާޅުވީ ކިތަންމެ ވަރުގަދަ ލީޑަރަކަސް ތިމާގެ ބޯމައްޗަށް ޒިންމާ އެޅިފައިވާ ކަމެއް އޭގެ އެންމެ ނުރައްކާތެރި ހާލަތަށް ވެއްޓިގެންދާ ވަގުތު ސިކުނޑި އެންމެ ރަނގަޅު ގޮތުގައި މަސައްކަތް ނުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"އެއީ ޕެނިކް ވަގުތުކޮޅެއް، ވަސީލަތެއްގެ އެހީ ހޯދުމަށް ވިސްނައިލުމަށް ވުރެ ބޮޑަށް އަމިއްލައަށް އޭގެ ތެރެއަށް ވަންނަން ބޮޑަށް މަސައްކަތް ކުރެވޭނީ. އެހެންވެ ބޮޑަށް ލަފާ ކުރެވެނީ އެގޮތް ކަމަށް މެދުވެރިވެފައި ވަނީ، އަޅުގަނޑު މިދަންނަވަނީ އިވޭ އަޑުތަކުގެ މައްޗަށް ބިނާކޮށް ކުރާ ލަފައެއް،" ދީދީ ވިދާޅުވި އެވެ. "ތި ވިދާޅުވީ ގާތްގަނޑކަށް 12 ވަރަކަށް ފޫޓު ފުން ތަނެކޭ. އެތަނުގެ ތެރޭގައި ހައެއްކަ އަށެއްކަ ކުދިން ގެނބެމުންދާ ދަނޑިވަޅުގަ ޕެނިކް ވަގުތުކޮޅެއްގައި ހުރި މީހަކު ކިތަންމެ ކުޅަދާނައަސް ޖެހޭނީ ގެނބެމުންދާ ކުދިންގެ ގައިދަށުވާން. އެމީހަކަށް ނުކެރޭނެ އެއްކުޖަކު ނަގާކަށް. އެމީހާވެސް އުޅޭނީ އެންމެނާ ހެދި. އެހެންވީމާ ވާނެ ގޮތަކީ ޕްރިންސިޕަލް ފުންމައިލުމާއެކު ކުދިންތައް ކޮނޑުގައި އެލިގަންނާނީ ދެން ޕެނިކް ބްރޭކްވާނެ ވަގުތެއް ނުލިބޭނެ،"
ސްކޫލް ކުދިން ބައިވެރިކޮށްގެން މޫދުގައި ހިންގާ، ފަތަން ދަސްކޮށްދިނުމާއި ކުޅިވަރުގެ ހަރަކާތްތަކުގައި އަމަލުކުރަންވީ ގޮތުގެ ގަވައިދު ބުނާ ގޮތުން ގޮތުން 13 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާގެ ދަރިވަރުންނަށް ހިންގޭ ހަރަކާތްތަކުގައި މަދުވެގެން ކޮންމެ 10 ކުއްޖަކަށް ޓީޗަރަކާއި ބެލެނިވެރިއެއް ބައިވެރިވާން ޖެހެ އެވެ. އަދި ހަ އަހަރާއި 13 އަހަރުގެ އުމުރުފުރާގެ ދަރިވަރުންގެ މެދުގައި ހިންގާ މޫދު ހަރަކާތްތަކުގައި ކޮންމެ ފަސް ކުއްޖަކަށް ޓީޗަރަކާއި ބެލެނިވެރިޔަކު ބައިވެރިކުރަން ޖެހޭނެ ކަމަށް ވެސް އެ ގަވައިދުގައިވެ އެވެ.
މީގެ ކުރިން ފޭދޫ ފިނޮޅަށް ދަތުރުގޮސް އުޅެނިކޮށް، ކުއްޖަކު މަރުވުމާ ގުޅިގެން އާންމުކޮށްފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ ކުދިން މޫދުގައި ހޭދަކުރާ ކޮންމެ ވަގުތެއްގައި ވެސް މަދުވެގެން ކޮންމެ ފަސް ކުއްޖަކަށް އެކަކު މޫދުގައި ދަރިވަރުންނާ އެކު ހުންނަން ވާނެ ކަމަށެވެ. އަދި ފަތާ ފެންގަނޑުގައި ހިންގާ ހަރަކާތްތަކުގައި އެއް ގްރޫޕެއްގައި ނުވަތަ އެއް ޓީމެއްގެ ގޮތުގައި އެންމެ ގިނަވެގެން ބައިވެރިކުރެވޭނީ 30 ކުދިންނެވެ. އަދި ކުދިން ހަރަކާތްތެރިވާން ވާނީ ގަވައިދުގައި ވާ ގޮތުގެ މަތިން ކޮންމެ ފަސް ކުއްޖަކަށް ބެލެނިވެރިއަކު ހުންނަ ގޮތަށް ގްރޫޕްތަކަށް ބަހާލައިގެނެވެ.
ގަވައިދުގައިވާ ކަންތައްތައް ފުރިހަމަ ނުކޮށް، ސްކޫލް ކުދިން ބައިވެރިކޮށްގެން މޫދުގައި އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާ ކަމެއް ކަމަށް ވިޔަސް ހިރިޔާ ކުދިންގެ ދަތުރުގައި މިކަންކަން ފުރިހަމައެއް ނުވެ އެވެ. މުއާސަލާތު ފުރިހަމަވެފައި އޮވެދާނެ އެވެ. އަދި ހާދިސާއާ ގުޅިގެން ބުރަ މަސައްކަތެއް ކުރި މިރަށުގެ މީހުނަށް ވުރެ ކުރިން ސަލާމަތީ ބާރުތަކާއި ކަމާބަހޭ އެހެން ފަރާތްކާ ވާހަކަ ވެސް ދައްކާފައި އޮވެދާނެ އެވެ. އެކަމަކު މުޅި ދަތުރު ފަށާފައި ވަނީ ވެސް ބޮޑެތި ގޯސްތައް ހަދައިފަ އެވެ.
"ޓީޗަރުންނެއް ނެތޭ، ތިބި މީހުން ތިބީ ގަސްގަހުގައި ބޯ ތަޅަން." ހުރާ މީހަކު ބުންޏެވެ. ޓީޗަރުންނާ ބެހޭ ގޮތުން ހުރާގެ ގިނަ މީހުން މި އިބާރާތް ބޭނުން ކުރި އެވެ.
އެޑިއުކޭޝަނުން، އަށް ޓީޗަރުން ދިޔަ ކަމަށް ބުންޏަސް ހުރާ މީހުން ބުނަނީ ފެނުނީ ހަތަރު ޓީޗަރުން ކަމަށެވެ. އެމީހުން ތިބީ ކޮންތާކުގައިކަން ނޭނގޭ ކަމަށެވެ.
"އެތަނުގައި ހުރި ފަސްޓް އެއިޑު ކަމަށް ބެލެވޭ ކުއްޖެއް. އެއީ ހަރުދަނާ ހިޔާލުގެ ބުއްދިވެރި ކުއްޖެއް ކަމަށް ބެލެވޭ. އެ ނޫން އެންމެން ބޯ ތަޅާފައި ކުދިވެރިންހެން ރުއީ،"
މިރަށުގެ ކޭމްޕް ސަރަހައްދާއި މީހުން ދިރިއުޅޭ ސަރަހައްދާ އެއީ ވަރަށް ދުރެވެ. ކިތަންމެ ބޮޑު ހާދިސާއެއް ކޭމްޕާއި އެ ސަރަހައްދުގެ މޫދުގައި ހިނގިޔަސް މިރަށުގެ މީހުންނަކަށް ނޭނގޭނެ އެވެ. މި ހާދިސާ ވެސް މިރަށުގެ މީހުންނަށް އެނގުނީ މޫދުން ސަލާމަތް ވެވުނު ކުދިންނާއި އެއްގަމުގައި ތިބި ބައެއް ކުދިން ދުވެފައި ގޮސް ހުރާ ބޯޅަދަނޑުގެ ކޮޅުން ކުޅިއާއި މީހުން އުޅޭ ސަރަހައްދަށް ހާމައަށް އޮންނަ ތަނުގައި ތިބެ އަޑުގެ ކޮޅަށް ހަޅޭއްލަވައި ރޮއި ހަދައިގެނެވެ. ހާއްސަކޮށް ހުކުރު ދުވަސްކަހަލަ "ނިދާފައި އޮންނަ" ހެނދުނެއްގައި މިއީ ވާނެ ގޮތެވެ.