03 Jul 2018, 12:32
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އައްޑޫ ސިޓީގެ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ސަރަހައްދުން ނެގި 30 ގޯއްޗެއް އަނބުރާ ވެރިފަރާތަށް ހަވާލުކޮށްފި އެވެ.
ހައުސިން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އަބްދުﷲ ޒިޔާދު ''ސަން" އަށް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް އެ ސަރަހައްދުން 30 ގޯއްޗެއް ދޫކޮށްފައިވާ ކަމަށެވެ.
ޒިޔާދު ވިދާޅުވީ ކުރީގެ ސަރުކާރުން އައްޑޫގެ ރައްޔިތުންގެ އަތުން 700 އެއްހާ ގޯތި ނެގި ކަމަށެވެ.
ޒިޔާދު ވިދާޅުވީ މި މަސް ނިމުމުގެ ކުރިން ހުރިހާ ގޯއްޗެއް ދޫކޮށް ނިމޭނެ ކަަމަށާއި އަދި ކޮންމެ ހަފުތާއަކު ވެސް ގޯތިދޫކުރަމުން ގެންދާނެ ކަމަށެވެ.
ގޯތިތައް ދޫކުރުމުގެ ގޮތުން އެ ސަރަހައްދު މިހާރު ސާފުކޮށް ނިމިފައިވާ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.
ކުރީގެ ސަރުކާރުން އީސީސީ ސަރަހައްދުން ގޯތިތައް ނަގާފައި ވަނީ އެ ސަރަހައްދަކީ ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ކަނޑައަޅައި ގެސްޓް ހައުސް ވިޔަފާރިއާއި އެހެނިހެން ކަންކަމަށް ހާއްސަކުރުުމުގެ ގޮތުންނެވެ.
ޒިޔާދު ވިދާޅުވީ އެ ގޯތިތައް ނެގުމަށް ފަހު ގޯތިތަކަށް ބަދަލުދިނުމުގެ ވިސްނުމެއް ކުރީގެ ސަރުކާރާއި އަދި އައްޑޫ ސިޓީގެ ކައުންސިލްގެ ވެސް ނެތް ކަމަށެވެ.
''މި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ ކައުންސިލްގެ ބަރުތައް ނެގުމަށް ފަހު، އަޅުގަނޑުމެން މީހުންގެ ޝަކުވާތައް އަހައި ޝަކުވާތަކަށް ބިނާކުރުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މިއަށް އުސޫލެއް ކަނޑައަޅައި މީހުންނަށް ގޯތިތައް ދޭން،" ޒިޔާދު ވިދާޅުވި އެވެ.