ދިމިޝްގު (ޖުލައި 3): ސީރިއާގެ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި އޮތް ދަރާގައި ކުރިއަށްދާ ހަމަނުޖެހުންތަކާ ގުޅިގެން، އެޕްރޮވިންސް ދޫކޮށް ދާން ޖެހުނު މީހުންނަށް އެހީވުމުގެ ގޮތުން އުރުދުން އިން ކެމްޕެއިނެއް ފަށައިފި އެވެ.

އުރުދުން އިން ވަނީ އެގައުމާއި ސީރިއާ ގުޅޭ ބޯޑަރު ކައިރިއަށް ޖަމާވެފައިވާ ސީރިއާގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ކާނާ އާއި އަންނައުނު ފަދަ ތަކެތި އެއްކުރާ ގައުމީ ކެމްޕެއިނެއް ފަށައިފި އެވެ.

"ސީރިއާގެ އަޚުންނާއި އުޚުތުންނަށް އެހީވުމަކީ އަޅުގަނޑުމެންގެ ގައުމީ ޒިންމާއެއް. އެހެންވެ މިކެމްޕެއިން ފެށީ،" އެކެމްޕެއިން އިންތިޒާމު ކުރި މީހަކު ބުންޏެވެ.

އެކެމްޕެއިން ފަށާފައި ވަނީ އުރުދުން އިން ސީރިއާގެ އިތުރު ރެފިއުޖީންނަށް ހިމާޔަތް ނުދެވޭނެ ކަމަށް ބުނެ، އެގައުމުގެ ބޯޑަރު ބަންދު ކުރި ފަހުންނެވެ.

ދަރާއިން އިދިކޮޅު ފަރާތްތަކުގެ ބާރު ކަނޑުވާލުމަށް ރަޝިއާގެ އެހީއާ އެކު ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ފައުޖުތަކުން ވަރުގަދަ ހަމަލާތަކެއް ދޭން ފެށީ މިދިޔަ މަހުގެ 19ގަ އެވެ.

އެހަމަލާތަކުގައި ދަރާއިން 170 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އަލްޖަޒީރާގައިވެ އެވެ. އަދި އެހަމަލާތަކުގެ ސަބަބުން ދަރާ ދޫކޮށް ދިޔަ 270،000 އަށް ވުރެ ގިނަ މީހުން އެއްވެފައި ވަނީ އުރުދުންއާ ގުޅޭ ބޯޑަރު ކައިރިއަށް ނުވަތަ އިސްރާއީލުން ހިފާފައިވާ ގޯލާން ހައިޓްސް ކައިރިއަށެވެ.

އެމައްސަލައާ ގުޅިގެން އުރުދުންގެ ފޮރިން މިނިސްޓަރު ވަނީ ރަޝިއާގެ ފޮރިން މިނިސްޓަރާ މިހަފްތާ ތެރޭ ބައްދަލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. (އަލްޖަޒީރާ)