ދިވެހިރާއްޖޭގެ ފުރަތަމަ ރީތީގެ ރާނީ ހއ. ބާރަށު، ނާދިރަމްގޭ ރަމްލާ އަހުމަދު އަލީ މިއަދު ހެނދުނު ނިޔާވެއްޖެއެވެ.

އޭނާ ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ހެނދުނު 10:30 ހާއިރުއެވެ.

ރަމްލާ ނިޔާވީ މުސްކުޅި ބަލީގައެވެ. އޭނާގެ ބަލި ހާލު ބޮޑުކަމުން މާލޭގައި ދިރިއުޅުއްވަމުން ގެންދަވާތާ ދެ އަހަރު ވެއްޖެއެވެ. ރަމްލާ ނިޔާވި އިރު އުމުރުފުޅަކީ 83 އަހަރެވެ. ރަމްލާގެ ހަތް ކުދިން ތިބި އިރު ހަ ކުދިންނަކީ އަންހެންކުދިންނެވެ. އަދި މާމަ ދަރިންވެސް އެބަތިއްބެއެވެ.

ރަމްލާގެ މައިންބަފައިންނަކީ ހއ. ބާރަށު ބުލްބުލާގޭ އަލްމަރުހޫމު އަހްމަދު އަލީއާއި އަލްމަރުހޫމާ ހައްވާ ހުސައިނެވެ.

ދިވެހިރާއްޖެ މިހާތަނަށް އާއިރު ރީތީގެ ރާނީން ހޮވުމުގެ މުބާރާތެއް ބޭއްވިފައިވަނީ އެއް ފަހަރުއެވެ. އެއީ 1953 ވަނަ އަހަރު ފުރަތަމަ ޖުމްހޫރީ ދުވަހުގެ ހަފުލާގެ ކުޅިވަރުގެ ތެރެއިން ބޭއްވި ހާއްސަ ހަރަކާތެކެވެ. ރީތީގެ މުބާރާތުގައި ބައިވެރިވީ ގާތްގަނޑަކަށް 21 ކުދިންނެވެ. މުބާރާތް އޮތީ ދާރުލްއުލޫމްގައެވެ.

ރީތީގެ ރާނީން ހޮވީ އެ 21 ކުދިންގެ މެދުގައި ކުރިއަށްދިޔަ ހާއްސަ ހަރަކާތެއްގައެވެ. އެ ކުދިންގެ ތެރެއިން އެންމެ ރީތި ތިން ކުދިން ހޮވީ ސަރުކާރުގެ ބޮޑުންނެވެ. އިނާމަކަށް ފޮށްޗާއި ފޭލި ކަހަލަ އެއްޗެހި ވަނީ ދީފައެވެ.

ރަމްލާއަކީ ފުރަތަމަ ޖުމްހުރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީން އެ ދުވަސްވަރު ކިޔަވާދެއްވުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުން މާލެ ގެންނެވި ކުދިންގެ ތެރެއިން ކުއްޖެކެވެ. ރަމްލާ މާލެ ފައިބާ ހުންނެވީ އަތިރީގޭގައެވެ. ތައުލީމް ހާސިލުކުރެއްވީ މަދަރުސަތުއް ސަނިއްޔާ (މިހާރުގެ އަމީނިއްޔާ ސްކޫލު)ނެވެ.

ބާރަށު ކައުންސިލްގެ ރައީސް އަލީ ސަމީމް ވިދާޅުވީ ރަމްލާއަކީ ވަރަށް ހިދުމަތްތެރި ބޭކަނބަލެއް ކަމަށާއި "އާލަސްކަންފުޅާ އުޅުއްވަމުންވެސް ރަށުގެ އެކިއެކި ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވާ" ކަމަށެވެ. ސަމީމް ވިދާޅުވީ ރަމްލާ ނިޔާވުމަކީ ލިބުނު ހިތްދަތިކަމެއް ކަމަށާއި މުޅި ރަށް އޮތީ މާޔޫސްކަމުގެ ތެރޭގައި ކަމަށެވެ

ބާރަށަށް ޒިޔާރަތް ކުރާ ގިނަ މީހުން ރަމްލާ ދެކިލާ ފޮޓޯ ނަގާލުމަށް އޭނާ ދިރިއުޅޭ ގެއަށް ދެއެވެ. އަދި ރަމްލާއާ ބައްދަލު ކުރަން އަންނަ ބީރައްޓެހިންނަށް ރަމްލާ އަބަދުވެސް ހެޔޮ ހިތަކުން މަރުހަބާ ކިޔާކަމަށް އެރަށު މީހުން ވަނީ ބުނެފައެވެ.

ރަމްލާގެ ޖަނާޒާ އޮންނާނީ މިއަދު ހަވީރު މަޣްރިބު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.