ތިމާވެއްޓަށް ގިނަ ކަންތައްތައް ކޮށްދެއްވާފައި ވަނީ ކުރީގެ ރައީސް މުހަންމަދު ނަޝީދު ނޫން ކަމަށާއި އެކަން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް އެންވަޔަރުމެންޓް އެންޑް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ށ. މިލަންދޫގައި ގާއިމު ކުރި ނަރުދަމާގެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ ރައީސް ޔާމީން ސަރުކާރު ހިންގަވަން ފެއްޓެވި އިރު ރާއްޖޭގައި އޮތީ އެންމެ ދެ މެގަ ވޯޓްގެ އިޔާދަކުރެނިވި ހަކަތަ އުފައްދާ ނިޒާމު ކަމަށާއި ނަމަވެސް ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި އިތުރު ނުވަ މެގަ ވޯޓްގެ އިޔާދަކުރަނިވި ހަކަތަ އުފައްދާ ނިޒާމް ގާއިމުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ދެމެ ހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ދިނުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.

މިލަންދޫގެ ނަރުދަމާ އާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ނަރުދަމާ އަކީ އެ ރަށުގެ ރައްޔަތުން އިންތިހާ އަށް ބޭނުންވެފައިވާ ހިދުމަތެއް ކަމަށާއި މިލަންދޫ ރައްޔިތުން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ރައީސް ޔާމީން ހައްދަވާދެއްވާފައިވާ ކަމަށެވެ. އެ ރަށުގެ ނަރުދަމާގެ ނިޒާމަށް 56 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އަދި މިހާރު އެ ރަށުގައި ކުރިއަށް ގެންދާ ފެނުގެ ނިޒާމަށް 47 މިލިއަން ރުފިޔާ ހަރަދުވަނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަދި މީގެ އިތުރުން އެ ރަށުގެ ކުނީގެ މައްސަލަ ހައްލުކުރުމަށް 1.2 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ކުރިއަށް އޮތްތާގައި ތަރައްގީ ބޭނުންވާ ނަމަ، ރައީސް ޔާމީން އަށް އިތުރު ދައުރެއް ދޭން ޖެހޭ ކަމަށެވެ.