ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފޮނުވާ ސިޓީތަކާއި ލިއުންތައް، އުއްތަމަ ފަނޑިޔާރަށް އެޑްރެސް ކުރުމަށް އަންގައިފިއެވެ.

ސުޕްރީމް ކޯޓުން ރޭ ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ޖުލައި ދެވަނަ ދުވަހުން ފެށިގެން އެ ކޯޓަށް ފޮނުވާ ސިޓީ ތަކާއި ލިޔުންތައް އެޑްރެސްކުރަން ވަނީ އުއަތްމަ ފަނޑިޔާރަށް ކަމަށެވެ.

މީގެ ކުރިން ވެސް ސުޕްރީމް ކޯޓަށް ފޮނުވާ ހުރިހާ ލިޔުންތަކެއް އެޑްރެސް ކުރަން ހަމަޖައްސާފައި ވަނީ އުއްތަމަ ފަނޑިޔާރަށެވެ. ނަމަވެސް އެންމެ ފަހުން އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނެވި އަބްދުﷲ ސައީދު ހައްޔަރުކޮށް ސަސްޕެންޑް ކުރުމުން، އެ ކޯޓަށް ފޮނުވާ ސިޓީތައް އެޑްރެސް ކުރުމަށް ހަމަޖައްސާފައި ވަނީ ފަނޑިޔާރު އަބްދުﷲ އަރީފަށެވެ.

ޖިނާއީ ކުށެއް ސާބިތުވެ އުއްތަމަ ފަނޑިޔާރުގެ މަގާމް އަބްދުﷲ ސައީދަށް ގެއްލުމުން، ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޑރ. އަހުމަދު އަބްދުﷲ ދީދީ އައްޔަނު ކުރުމަށް ރައީސް އަބްދުﷲ ޔާމީނަށް ލަފާ އަރުވާފައެވެ.

އަދި ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުން މިދިޔަ ހަފްތާގައި ރައީސް ވަނީ އުއްތަމަ ފަނޑިޔާރުގެ މަގާމަށް އަބްދުﷲ ދީދީ އައްޔަނު ކުރައްވައިފައެވެ.