ވަރުން ދަވާން އަދި އަނުޝްކާ ޝަރްމާ ލީޑު ރޯލުން ފެނިގެންދާ ފިލްމު "ސުއީ ދާގާ: މޭޑް އިން އިންޑިއާ"ގެ ޝޫޓިން ނިންމާލައިފިއެވެ.

ފިލްމުގެ ޝޫޓިން ނިމުނުކަން އަނުޝްކާ ވަނީ ހާމަކޮށްފައެވެ. ފޮޓޯ އަކާއެކު އަނުޝްކާ ކުރި ޓުވީޓުގައި ބުނެފައި ވަނީ އެއީ ވަރަށް ޚާއްސަ ފިލްމެއް ކަމަށެވެ.

ފިލްމުގެ ޝޫޓިން ކުރިއަށް ދިޔައީ މަދްޔަ ޕްރަދޭޝްގެ ޗަންދޭރީގައެވެ. ފިލްމުގައި ވަރުން ފެނިގެން ދާނީ މައުޖީ ކިޔާ ފަހާ މީހެއްގެ ރޯލުންނެވެ.

އިންޑިއާގެ ބައްޕަ "މަހާތުމާ ގާންދީ"އަށް ހާއްސަކޮށްގެން އުފައްދާފައިވާ އެ ފިލްމަކީ ވަރުން އާއި އަނުޝްކާ އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމެވެ.

''ދަމް ލަގާކޭ ހާއިޝާ''ގެ ޑައިރެކްޓަރު ޝަރަތު ކަޓާރިޔާ ޑައިރެކްޓު ކޮށްފައިވާ އެ ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ ޔަޝް ރާޖް ބެނާގެ ދަށުންނެވެ.

ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.