03 Jul 2018, 10:34
ނިއުރޯއެންޑޮކްރައިން ޓިއުމާ (ނެޓްސް) އަށް ފަރުވާ ހޯދުމަށް ލަންޑަން ގައި ހުރި ބޮލީވުޑްގެ ކުޅަދާނަ އެކްޓަރު އިރްފާން ޚާނަށް އެނބުރި އިންޑިއާއަށް ދެވޭނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް އޭނާ ބުނެފިއެވެ.
ލަންޑަންގައި ހުރެ އިންޑިއާގެ ނޫހަކަށް ދިން ކުރު އިންޓަވިއު އެއްގައި އިރްފާން ބުނީ އަވަސް އަރުވާލައިގެން ފަރުވާ ހޯދައި ނިންމާލަން އޭނާ ބޭނުން ނުވާ ކަމަށެވެ.
ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއްގެ ޝިކާރައަކަށްވެ، ފަރުވާ ހޯދުމަށް އިންޑިއާ ދޫކޮށް އިރްފާން ފުރީ މިދިޔަ މާޗު މަހުގެ ތެރޭގައެވެ.
އެއާއެކު އޭނާ ފަށަން ޖެހިފައި ހުރި ބައެއް ޕްރޮޖެކްޓުތައް ވެސް ވަނީ އިރްފާން މުޅިން ރަނގަޅު ވެގެން އަންނަންދެން ފަސްކޮށްފައެވެ.
އަދި ރިލީޒް ކުރަން ހުރި ފިލްމުތަކުގެ ޕްރޮމޯޝަން މަސައްކަތްތައް ކުރަން ޖެހިފައި ވަނީ އިރްފާން ބައިވެރިނުކޮށެވެ. ފިލްމުތަކުގެ ޑައިރެކްޓަރުން ވަނީ އިރްފާން ނެތި ފިލްމު ޕްރޮމޯޓު ކުރަން އުނދަގޫ ކަމަށް ބުނެފައެވެ.
މިހާރު ވެސް އިރްފާންގެ ދެ ފިލްމެއް ރިލީޒް ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެއީ ހިންދީ ފިލްމު "ކަރްވާން" އަދި ހޮލީވުޑް ފިލްމު "ޕަޒުލް" އެވެ.
އިރްފާން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ދެ ފިލްމު ވެސް ޕްރޮމޯޓް ކުރަމުންނެވެ.
އިރްފާންގެ އިތުރުން މަލަޔާލަމް އެކްޓަރު ދުލްކޭރް ސަލްމާން އަދި މިތިލާ ޕާލްކަރު ފެނިގެންދާ "ކަރްވާން" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ އޯގަސްޓު މަހުގެ ތިންވަނަ ދުވަހުއެވެ.