ރ. އަލިފުށީ ޕްރީސްކޫލް ޢިމާރާތްކުރުމަށް ލިބުނު ފައިސާގެ ތެރެއިން 11,369.50 ރ. އަށް، އަލިފުށީ އޮފީހުގެ ކުޑަކަތީބު ޢީސާ މޫސާ ޚިޔާނާތްތެރި ވެފައިވާކަމަށް ބެލެވޭތީ، އޭނާގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފި އެވެ.

އެކޮމިޝަނުން މިއަދު ބުނީ 2010 ވަނަ އަހަރުގެ މާޗް މަހުގެ 10 ވަނަ ދުވަހު އަލިފުށީ އޮފީހުގެ ތިޖޫރީ ބެލެހެއްޓުން، އެސިސްޓެންޓް އެޑްމިނިސްޓްރޭޓާ ޤާސިމް ޢަލީއާ ޙަވާލުކުރިއިރު، ޕްރީސްކޫލެއް ޢިމާރާތްކުރުމަށް އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް )އައިއެފްއާރުސީ( އިން ހިލޭ އެހީގެ ގޮތުގައި ދިން 514،000.00ރ. ގެ ތެރެއިން ބާކީ ހުންނަންޖެހޭ ފައިސާ ނެތްކަމަށާއި އެ ފައިސާއާއި އޮފީހުގެ ފަރާތުން ޙަވާލުވެގެންހުރީ އަލިފުށީ އޮފީހުގެ ކުޑަކަތީބު ޢީސާ މޫސާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ، ކޮމިޝަނުން ތަޙްޤީޤުކޮށްފައިވާ ކަމަށެވެ. އަދި އަލިފުށީ ޕްރީސްކޫލް ޕްރޮޖެކްޓަށް ލިބުނު ފައިސާގެ ތެރެއިން 467,663.75ރ. އަލިފުށީ ކުޑަކަތީބު ޢީސާ މޫސާ އާއި ޙަވާލުކޮށްފައިވާކަން ތަހްގީގުން އެނގޭ ކަމަށެވެ.

އޭގެތެރެއިން އެކިއެކި ކަންކަމަށް ޚަރަދުކުރުމަށްފަހު ބާކީ 11,369.50ރ. ހުންނަންޖެހޭކަމަށް ލިޔުންތަކުން ދައްކާ ކަމަށާއި، ނަމަވެސް އެފައިސާ އޮފީހުގެ ތިޖޫރީގައިވެސް އަދި އެހެން އެއްވެސް ފަރާތަކާ ޙަވާލުކޮށްފައިވާކަން ތަހްގީގުން އެނގެންނެތް ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.