ސްޓާޕްލަސްއިން 2000 އިން ފެށިގެން، 2010ގެ ނިޔަލަށް ދެއްކި މަޝްހޫރު ހިންދީ ޑްރާމާ ސިލްސިލާ "ކަހާނީ ގަރް ގަރް ކީ"ގެ އާ ސީޒަނެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެކްތާ ކަޕޫރްގެ ސީރީޒްގެ ޖުމްލަ 1،661 އެޕިސޯޑް ވަނީ ދައްކާފައެވެ. ސާކްޝީ ތަންވަރު ލީޑް ރޯލް ފެނިގެންދިޔަ ކަހާނީ ގަރް ގަރް ކީގެ މިފަހަރުގެ ތަރިންނެއް ހާމަކޮށްފައެއްނުވެއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވެބް ސީރީޒެއްގެ ގޮތުގައި ވެސް "ކަހާނީ ގަރް ގަރް ކީ" ދައްކަފާނެ ކަމަށެވެ. ނަމަވެސް ބޮޑަށް ބެލެވެނީ ސްޓާ ބާރަތު ޗެނަލް އިންް އެ ސީރީޒް ދައްކާނޭ ކަމަށެވެ.

އެ ސީރީޒްގެ އާ ސީޒަނެއް ގެނައުމުގެ ވާހަކަ ބާރަށް ދެކެވެމުން ދިޔަ ނަމަވެސް އެކްތާ އަދި އެކަމަށް ވަކި އެއްޗެއް ނުބުނެއެވެ. ސީރީޒް އިއުލާނެއް ވެސް ނުކުރެއެވެ. ނަމަވެސް ބައެއް ޚަބަރުތައް ބުނާ ގޮތުގައި އެ ސީރީޒް އެކްތާ ވަރަށް އަވަހަށް އިއުލާންކުރާނެއެވެ.

އެކްތާ ވަނީ ދާދި ފަހުން އޭނާގެ "ކަސޯޓީ ޒިންދަގީ ކޭ" އަލުން ސްކްރީނަށް ގެންނާނެ ކަމަށް ވެސް އިއުލާންކޮށްފައެވެ. އަދި މިހާރު އެ ސީރީޒްގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އޭނާ މީގެ ކުރިން ބުނެފައިވެއެވެ.

އެކްތާ ވަނީ އޭނާގެ ފިލްމި "ލައިލާ މަޖްނޫން" ވެސް އަލުން ސްކްރީނަށް ގެންނަން އުޅޭ ކަމަށް އިއުލާންކޮށްފައެވެ.