ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ބްރެޒިލްގެ ތަރި ނޭމާގެ ހަރަކާތްތައް ހުރި ގޮތުން އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، އޭނާއަށް މެކްސިކޯގެ ޑިފެންޑަރު މިގެލް ލަޔުން ފާޑުކިޔައިފިއެވެ.

ގަދަ 16ގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވީ ނަމަވެސް، ދެވަނަ ހާފުގައި ބްރެޒިލުން ވަނީ ދެ ލަނޑު ޖަހައިފައެވެ. އެ މެޗުން ބްރެޒިލް މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ.

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ބްރެޒިލްގެ ތަރި ނޭމާ ވެއްޓިފައި -- ފޮޓޯ/ އޭޕީ

މެޗުގައި ފެނިގެންދިޔަ ކަންތައްތަކުގެ ތެރޭގައި ލަޔުންއާއި ނޭމާގެ ފާހަކޮށްލެވޭ ހާދިސާއެއް ފެނިގެންދިޔައެވެ. ނޭމާ ވެއްޓިފައި އޮތް ވަގުތެއްގައި އޭނާގެ ފަޔަށް ލަޔުން އެރުމުން ނޭމާ ވަނީ ދަނޑުގައި ފުރޮޅި ގަނެފައެވެ. އޭރު ރެފްރީ ޖިއަންލޫކާ ރޮޗީ ވެސް ނޭމާ ކައިރީގައި ހުއްޓެވެ.

މެޗަށްފަހު ލަޔުން ބުނީ ކުޅުންތެރިއެއް ގައިގައި ނުޖެހި އުޅެން ބޭނުން ނަމަ ނޭމާ އެހެން ކަމަކައިގެން އުޅެން ޖެހޭ ކަމަށާއި ނޭމާއަށް މުހިންމީ ދަނޑުމަތީގައި އޮށޯވެ އޮތުން ކަމަށެވެ.

"އަބަދު ވެއްޓިފައި އޮންނަން ބޭނުންވާ ނަމަ، އޭނާ ގެއަށް ގޮސް ނިދާލަންވީ. އަހަރެން އޭނާގެ ގައިގައި ޖެހުނު އިރު، އަހަރެން ބަލަމުންދިޔައީ ބޯޅަ ނެގުމަށް. އޭރު އޭނާ އޮތީ ވެއްޓިފައި. އަހަރެންނަށް އެނގޭ އޭނާގެ ހުނަރު. އަދި އަހަރެންނަށް އެނގޭ އޭނާ ހަދާ މަކަރުތައް ވެސް. މެޗު ބެލި އެންމެންނަށް ވެސް އެނގޭނެ އަހަރެން މިދައްކާ ވާހަކަ. އެއީ ނޭމާގެ ގޮތް،" މެކްސިކޯގެ ޑިފެންޑަރު ބުންޏެވެ.

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި މެކްސިކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ބްރެޒިލްގެ ތަރި ނޭމާ ވެއްޓިފައި -- ފޮޓޯ/ އޭޕީ

ލަޔުން ބުނީ ނޭމާއަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި އެއް ދުވަހަކުން އެ ހުނަރުތައް ބޭނުންކޮށްގެން ނޭމާ އިތުރަށް ފުޓްބޯޅަ ކުޅުމައިގެން އުޅޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި ފުޓްބޯޅަ ކުޅުމަށްވުރެ ބޮޑަށް ނޭމާ މިހާރު އުޅެނީ އެހެން ކަންތައްތަކުގައި ކަމަށް ވެސް ލަޔުން ބުންޏެވެ.

އަންނަ ހުކުރު ދުވަހުގެ ރޭ 11:00ގައި ކުޅޭ ކުއާޓާ ފައިނަލުގެ މެޗުގައި ބްރެޒިލް ނުކުންނަން ޖެހޭނީ ބެލްޖިއަމްއާ ދެކޮޅަށެވެ. ރޭ ކުޅުނު ގަދަ 16ގެ މެޗުން ބެލްޖިއަމުން ވަނީ 3-2ގެ ނަތީޖާއަކުން ޖަޕާން ބަލިކޮށްފައެވެ.