ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި ބްރެޒިލް އަތުން ބަލިވެ މުބާރާތުން ކެޓުމާއެކު މެޗުގެ ރެފްރީއަށް މެކްސިކޯގެ ކޯޗު ހުއާން ކާލޮސް އޮސޯރިއޯ ފާޑުކިޔައިފިއެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވީ ނަމަވެސް، ދެވަނަ ހާފުގައި ބްރެޒިލުން ވަނީ ދެ ލަނޑު ޖަހައިފައެވެ. އެ މެޗުން ބްރެޒިލް މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ.

އެ މެޗުގައި ބްރެޒިލަށް ނޭމާ ލީޑު ހޯދައިދިން އިރު، ފަހު ވަގުތު އެޓީމަށް ލީޑު ފުޅާކޮށްދިނީ ރޮބާޓޯ ފާމީނޯއެވެ. ފާއިތުވެދިޔަ ހަތް ވޯލްޑް ކަޕުން ވެސް މެކްސިކޯ ކަޓާފައިވަނީ ގަދަ 16އާ ހިސާބުންނެވެ.

މެޗުގައި ފެނިގެންދިޔަ ކަންތައްތަކުގެ ތެރެއިން މެކްސިކޯގެ ކޯޗު އޮސޯރިއޯއަށް އެންމެ ފާހަގަވެގެން ގޮސްފައިވަނީ ރެފްރީ ޖިއަންލޫކާ ރޮޗީގެ ނިންމުންތަކެވެ. އޭނާ ބުނީ މެޗުގައި ރެފްރީގެ ނިންމުންތަކުގެ ސަބަބުން ބްރެޒިލަށް ފައިދާތަކެއް ކުރި ކަމަށެވެ.

"އަހަރެން ދެކެނީ އެ ނިންމުންތަކަކީ ބްރެޒިލަށް ފައިދާވާނެ ގޮތަކަށް ނިންމި ނިންމުންތަކެއް ކަމަށް. ބްރެޒިލް ފޯވަޑުން އަބަދުވެސް އުޅުނީ ފައުލެއް ހޯދުމަށް. އަދި ރެފްރީ ނިންމަނީ ވެސް ފައުލެއްގެ ގޮތުގައި. ރެފްރީ ކުރުމުގެ ގިނަ ގޯސްތަކެއް ފެނިގެންދިޔަ،" އޭނާ ބުންޏެވެ.

މެކްސިކޯގެ ކޯޗު އޮސޯރިއޯ ވަނީ ބްރެޒިލްގެ ތަރި ނޭމާއަށް ވެސް ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އޮސޯރިއޯ ބުނީ ނޭމާގެ ސަބަބުން ގިނަ ވަގުތަކެއް ބޭކާރުވެގެން ދިޔަ ކަމަށެވެ.

"އެއް ކުޅުންތެރިއެއްގެ ސަބަބުން އަހަރެމެންނަށް ގިނަ ވަގުތުތަކެއް ބޭކާރުވެގެންދިޔަ. އެއީ ފުޓްބޯޅައަށް ވަރަށް ދެރަ ކަންތައްތައް. ރެފްރީގެ ނިންމުންތަކާއި ގިނަ ވަގުތު ކުޅުން މެދުކަނޑާލަން ޖެހުމުގެ ސަބަބުން އަހަރެމެން ކުޅެމުންދިޔަ ސްޓައިލުގައި ދެވަނަ ހާފުގައި ނުކުޅެވުނު. އެއް ހާދިސާއެއްގައި ހަތަރު މިނެޓަށް ކުޅުން މެދުކަނޑާލަން ޖެހުނު. މިއީ ވަރުގަދަ ކުޅިވަރެއް، މާގިނަ އެކްޓިންތަކެއް ދެއްކުން އޮންނަން ޖެހޭނެ ކަމަކަށް އަހަރެން ނުދެކެން،" އޭނާ ބުންޏެވެ.

އަންނަ ހުކުރު ދުވަހުގެ ރޭ 11:00ގައި ކުޅޭ ކުއާޓާ ފައިނަލުގެ މެޗުގައި ބްރެޒިލް ނުކުންނަން ޖެހޭނީ ބެލްޖިއަމްއާ ދެކޮޅަށެވެ. ރޭ ކުޅުނު ގަދަ 16ގެ މެޗުން ބެލްޖިއަމުން ވަނީ 3-2ގެ ނަތީޖާއަކުން ޖަޕާން ބަލިކޮށްފައެވެ.