ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރަށްވެހިކަން ބަދަލުކޮށްފިނަމަ އެމީހަކަށް ވޯޓު ލުމުގެ ފުރުސަތު ނުލިބިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް ވިދާޅުވީ އިއްޔެ އިން ފެށިގެން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ނިމެންދެން ރަޖިސްޓްރީ ވެފައިވާ ރަށް ބަދަލު ކުރުން ނުވަތަ އެޑްރެސް ބަދަލުކުރުން ފަދަ ކަމެއް ކޮށްފި ނަމަ އިންތިހާބުގައި ވޯޓު ލުމަކީ ނާދިރުކަމެއް ކަމަށެވެ.

"އައިޑީ ކާޑަށް ބަދަލު ގެނެސް. ރަށްވެހިކަން ބަދަލުކުރުން ފަދަ ކަންކަން ނުހިންގުމަށް އަޅުގަނޑު ހުރިހާ ފަރާތަކަށް އިލްތިމާސްކުރަން،" އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުންވެސް ރައްޔިތުންނާ ހަމައަށް އެފަދަ މުހިންމު މައުލޫމާތު ފޯރުކޮށްދިނުމަށް އެދޭ ކަމަށެވެ.

އޭނާ ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ނަމުގައި ފޯނުތަކަށް މެސެޖުތައް ދައުރުވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެއްވެސް ކަމަކާ ގުޅޭ ގޮތުން އެ ކޮމިޝަނުން އެއްވެސް އާންމު ރައްޔިތަކަށް އެއްވެސް މެސެޖެއް ނުކުރާނެ ކަމަށެވެ. އެހެންކަމުން އެކަމަށް ސަމާލުވުމަށް އަކްރަމް ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

އަކްރަމް މިހެން ވިދާޅުވިއިރު މާލޭގައި ދިރިއުޅޭ މާލޭގެ ރައްޔިތުންނާއި ރަށްރަށުން މާލެ ހިޖުރަކޮށް ގިނަ އަހަރުތަކެއް ވަންދެން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރަޖިސްޓްރީވުމުގެ ފުރުސަތު އަލުން ދޭން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމަވާފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.