02 Jul 2018, 23:57
ފާސްވުމަށް ބޭނުންވާ އަދަދަށް މެންބަރުން ހާޒިރުވެ ނެތުމުން ފަސް ކުރި، އިންތިޚާބުތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ވޯޓަށް އެހުން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
އިންތިޚާބުތަކުގެ ގާނޫނަށް ސަރުކާރުން ހުށަަހެޅި އިސްލާހުތަކުގެ ކޮމެޓީ މަރުހަލާ ނިމުނު ނަމަވެސް އެ ބިލް ފާސްކުރުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަނުވާތީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް ނާހައި ވަނީ ފަސްކޮށްފައެވެ.
ކޮމެޓީ މަރުހަލާ ނިމި މިއަދު ވޯޓަށް އެހުމަށް އެޖެންޑާކޮށްފައި ވަނީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލާއި ރިޔާސީ އިންތިޚާބުގެ ގާނޫނަށް ހުށަހަޅާފައިވާ ދެ އިސްލާހުގެ ބިލެވެ.
މާދަމާ އެކެއް ޖަހާއިރު ބޭއްވުމަށް ހަމަޖައްސާފައިވާ ޖަލްސާގެ އެޖެންޑާގައި ވަނީ އެ ތިން ބިލަށް ވޯޓަށް އެހުން އެކަންޏެވެ.
މިއަދުގެ ޖަލްސާއަށް ހާޒިރުވެފައި ވަނީ 28 މެންބަރުންނެވެ. އެކަން ފާހަގަކުރައްވައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވީ ތިން ބިލަށް ވޯޓަށް އެހުމަށް ބޭނުންވާ އަދަދަށް މެންބަރުން ހާޒިރުވެ ނެތް ކަމަށާއި އެހެން ކަމުން މިއަދުގެ ޖަލްސާގައި ވޯޓަށް ނާހައި ފަސްކުރާ ކަމަށެވެ.
އަދި އެކަށީގެންވާ އުޒުރެއް ދިމާ ނުވާހާ ހިނދަކު ކޮންމެ މެނެބްރެއް ވެސް މަޖިލީހުގައި ނަގާ ވޯޓުތަކުގައި ބައިވެރިވާން ޖެހޭނެ ކަމަށް މަސީހު ވިދާޅުވި އެވެ.