އިންޑިއާގެ ޓްރެވިންޑްރަމްގައި ހުންނަ ޖީޖީ ހޮސްޕިޓަލުގައި ދިވެހި ކުއްޖެއްގެ އޮޕަރޭޝަން ކުރާން ޖެހޭ ފައި ނޫން އަނެއް ފައި ކޮށްފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެކަން ހިނގާފައިވަނީ މިއަދު އެވެ.ނުބައި ފައެއް އޮޕަރޭޝަން ކޮށްފައިވަނީ 12 އަހަރުގެ ދިވެހި އަންހެން ކުއްޖެއްގެއެވެ.

ނުބައިފައެއް އޮޕަރޭޝަން ކޮށްފައިވަނީ އއ. ތޮއްޑޫ އަށް ނިސްބަތްވާ އަންހެން ކުއްޖެއެކެވެ. އޭނާގެ ބައްޕައަކީ އެ ރަށު މީހެކެވެ. އަދި މަންމަ އަކީ އިންޑިއާ މީހެކެވެ.

އެ ހާދިސާއާ ގުޅޭ ތަފްސީލް މިރޭ "ސަން"އާ ހިއްސާ ކުރަމުން އެ ކުއްޖާގެ މަންމަ ރަޝީދާ ބުނީ އަންހެން ކުއްޖާގެ ވައަތު ފަޔަށް މީގެ ތިން މަސް ކުރިން އަނިޔާވެފައިވާ ކަމަށާއި އޭރު ޑޮކްޓަރަށް ދެއްްކުމުން މައްސަލައެއް ނެތް ކަމަށް ބުނެފައިވާ ކަމަށެވެ.

އޭނާ ބުނީ ތަދު ބޮޑުވާން ފެށީ ސްކޫލަށް ގޮސް ސިޑިން އަރަން ފެށި ހިސާބުން ކަމަށާއި ފަހުން ޑޮކްޓަރަށް ދެއްކުމުން "ފައިގެ ލިގަމަންޓް ހަލާކުވެފައިވާ ކަމަށް" ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ. އަދި ޑޮކްޓަރުގެ ލަފާގެ މަތިން އޮޕަރޭޝަން ކުރަން ނިންމައި ކުއްޖާގެ ފައި އޮޕަރޭޝަން ކުރަން އެޑްމިޓްކޮށްފައިވަނީ ރޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އެއްލައްކަ ފަންސާސް ހާސް ރުޕީޒް ދާނެ ކަމަށް ބުނީ. އޭރު ނެތް ލާރި އެއް. ދެން އާސަންދައިން ފައިސާ ހޯދަން އެދުނީ. އޮޕަރޭޝަން ކުރަން ނިންމީ އާސަންދަ ހަމަ ޖެހުނު ހިސާބުން،" އިންޑިއާގެ ޓްރެވިންޑްރަމްގައި ހުރެގެން ފޯނުން މައުލޫމާތު ދެމުން އޭނާ ބުންޏެވެ.

ރަޝީދާ ބުނީ ދަރިފުޅުގެ އޮޕަރޭޝަން ކުރީ މިއަދު ހެނދުނު 9:00 ގައި ކަމަށާއި ޑޮކްޓަރުން އޮޕަރޭޝަން ކުރީ ނުބައި ފައެއްކަން އެނގުނީ ދަރިފުޅު ބުނުމުން ކަމަށެވެ.

"ދަރިފުޅު މި ބުނީ މަންމާއޭ ރިއްސާ ފައެއް ނޫނޭ އޮޕަރޭޝަންކޮށްފައި އޮތީ،" ރަޝީދާ ބުންޏެވެ.

ރަޝީދާ ބުނީ އެކަން ހޮސްޕިޓަލުގެ ސަމާލުކަމަށް ގެނައުމުން މާފަށް އެދިފައިވާ ކަމަށެވެ. ނަމަވެސް އެހާ ފަރުވާ ކުޑަކޮށް އެކަން ހިނގަން މެދުވެރިވީ ކީއްވެކަން އެނގެން ބޭނުންވާ ކަމަށް ރަޝީދާ ބުންޏެވެ.

ޖީޖީ ހޮސްޕިޓަލުގެ އިހުމާލުން ނުބައި ފައެއް އޮޕަރޭޝަން ކުރި ޚަބަރު މިހާރު ވަނީ އިންޑިއާގެ ނޫސްތަކަށްވެސް އަރާފައެވެ. އަދި ރަޝީދާ ވަނީ އެވާހަކަ އިންޑިއާގެ ނޫސްތަކަށް ކިޔާދީފައެވެ.

ޓްރެވިންޑްރަމް ގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގެ އިސް ވެރިން އަންނަނީ މިހާރު ހޮސްޕިޓަލުގައި ހަރަކާތްތެރިވަމުންނެވެ. އަދި މިހާރުން މިހާރަށް ފޯރުކޮށްދެން ޖެހޭ އެހީތެރިކަން ދަނީ އެ އާއިލާއަށް ފޯރުކޮށްދެމުންނެވެ.