ފީފާ ވޯލްޑް ކަޕް ގަދަ 16ގައި ނޭމާގެ މޮޅު ކުޅުމާއެކު މެކްސިކޯ ބަލިކޮށް، ބްރެޒިލުން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.

ރަޝިއާގެ ސަމަރާ އެރީނާގައި މިރޭ ކުޅުނު މެޗުގައި މެކްސިކޯ އަތުން ބްރެޒިލް މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ.

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި ބްރެޒިލާއި މެކްސިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބްރެޒިލް މޮޅުވީ 2-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

އެ މެޗުގެ ފުރަތަމަ ހާފުގައި ވެސް މެކްސިކޯގެ ގޯލަށް ބްރެޒިލުން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ. ފުރަތަމަ ހާފުގައި ނޭމާ ފޮނުވާލި ދެ ހަމަލާއާއި ފިލިޕް ކުޓީނިއޯ ދިން ބޯޅައަކުން ގެބްރިއަލް ޖެސަސް ފޮނުވާލި ހަމަލާ ވެސް މެކްސިކޯގެ ކީޕަރު ގުއިލާމޯ އޮޗޯއާ ވަނީ ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ވެސް ބްރެޒިލުގެ ފަރާތުން ނުރައްކާތެރި ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން ދެވަނަ ހާފުގެ ކުރީކޮޅުގައި ކުޓީނިއޯ ފޮނުވާލި ހަމަލާއެއް ފާހަގަކޮށްލެވެއެވެ. އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ މެޗުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދިޔަ މެކްސިކޯގެ ކީޕަރު އޮޗޯއާއެވެ.

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި ބްރެޒިލާއި މެކްސިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބްރެޒިލް މޮޅުވީ 2-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

މެޗުގެ 51 ވަނަ މިނެޓުގައި ބްރެޒިލުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ވިލިއަން ދިން ބޯޅައަކުން ބްރެޒިލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދައްކަމުންދިޔަ އެޓީމުގެ ތަރި ނޭމާއެވެ.

އެ ލަނޑަށްފަހު މެކްސިކޯއިން ލަނޑެއް ޖެހުމަށް މަސައްކަތްތަކެއް ކުރަމުންދިޔަ އިރު، ބްރެޒިލުން ވެސް ލީޑު ފުޅާކުރުމަށް މަސައްކަތްކުރިއެވެ. މެޗުގެ 59 ވަނަ މިނެޓުގައި ބްރެޒިލްގެ ޕައުލީނިއޯ ފޮނުވާލި ހަމަލާ މެކްސިކޯގެ ކީޕަރު އޮޗޯއާ ދިފާއުކުރި އިރު، މެޗުގެ 62 ވަނަ މިނެޓުގައި މެކްސިކޯގެ ކާލޮސް ވެލާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ބްރެޒިލްގެ ކީޕަރު އެލިސަންއެވެ. އަދި މެޗުގެ 63 ވަނަ މިނެޓުގައި ބްރެޒިލަށް ލިބުނު ފުރުސަތަކުން ވިލިއަން ފޮނުވާލި ހަމަލާ، މެކްސިކޯގެ ކީޕަރު އޮޗޯއާ ވަނީ ދިފާއުކޮށްފައެވެ.

ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގައި ބްރެޒިލާއި މެކްސިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުން ބްރެޒިލް މޮޅުވީ 2-0ގެ ނަތީޖާއަކުން --- ފޮޓޯ/ އޭޕީ

މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް، ބްރެޒިލުން ވަނީ އެޓީމުގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްފައެވެ. ނޭމާ ދިން ރީތި ބޯޅައަކުން ބްރެޒިލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކުޓީނިއޯގެ ބަދަލުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ރޮބާޓޯ ފާމީނޯއެވެ.

ކުއާޓާގައި ބްރެޒިލް ނުކުންނަން ޖެހޭނީ މިރޭ 11:00ގައި ބެލްޖިއަމްއާއި ޖަޕާން ކުޅޭ ގަދަ 16ގެ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.