02 Jul 2018, 21:22
ދައުލަތުގެ ޚަރަދުގައި ވަކީލުން ހޯދައިދިނުުމަށް މާލީ ހާލަތު ވަޒަން ކުރާ މިންގަނޑު ލުއި ކޮށްފިއެވެ.
މާލީ ތަނަވަސްކަން ނެތް މީހުން ކަނޑައަޅަނީ އެކަމަށްޓަކައި އެކުލަވާފައިވާ އުސޫލެއްގެ ދަށުން، އެ މީހެއްގެ ދިރިއުޅުމުގެ ހާލަތާއި ކުރަންޖެހޭ ޚަރަދުތަކަށް ބަލައި، ޕޮއިންޓް ދިނުމަށް ފަހު އެވެ.
އެ އުސޫލަށް މިއަދު ގެނައި އިސްލާހުގައި ކައިވެނީގެ ހާލަތާއި ދަރިންގެ އުމުރަށާއި ދިރިއުޅޭ ތަނުގެ ކުއްޔަށް ދައްކަން ޖެހޭ މިންވަރުގެ ނިސްބަތުން ލިބޭ ޕޮއިންޓް ވަނީ އިތުރުކޮށްފަ އެވެ.
އަށާރަ އަހަރު ނުވާ ދަރިން ތިބި ނަމަ އެ ކުދިންގެ އުމުރަށް ބަލައި، ލިބޭ ޕޮއިންޓް ވެސް އިތުރުވާ ގޮތަށް އެ އުސޫލުގައި ވަނީ ހަމަޖައްސައިފަ އެވެ.
މީގެ އިތުރުން ކައިވެންޏެއް ނުކޮށް ހުރި މީހެއް ނަމަ ލިބޭ ޕޮއިންޓްގެ އަދަދުވެސް ވަނީ އިތުރު ކޮށްފައްެވެ. އެ އިސްލާހުގައި ވަނީ އެފަދަ މީހަކަށް އެއް ޕޮއިންޓް ދޭ ގޮތަށް ބަދަލުކޮށްފަ އެވެ. އަދި ކައިވެނި ކޮށްގެން ތިބި މީހުންނަށް ކުރިން ދޭ އެއް ޕޮއިންޓްގެ ބަދަލުގައި 1.5 ޕޮއިންޓް ދޭ ގޮތަށް ވަނީ އިސްލާހު ކޮށްފަ އެވެ.
އަދި ދިރިއުޅޭ ތަނުގެ ކުއްޔަށް ދައްކަންޖެހޭ އަދަދުގެ ނިސްބަތަށް ބަލައި، ކުރިން ދެމުން އައި މިންވަރަށް ވުރެ ޕޮއިންޓް އިތުރުވާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.