ހއ. އަތޮޅުގައި ކުރިއަށްގެންދިޔުމަށް ނިންމާފައިވާ އައިހެވަން މަޝްރުއު ކުރިއަށްދާނެ ކަމަށާއި އެ މަޝްރޫއުގެ މަތިން ހަނދުމަފުޅު ނައްތަވާ ނުލައްވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ށ. ފުނަދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ އައިހެވަން މަޝްރޫއު ތަރައްގީގެ ލިސްޓުން ކައްސާނުލާ ކަަމަށާއި އަދި އެ މަޝްރޫއުގެ މަތިން ސަރުކާރުން ހަނދާން ނުނެތޭކަމަށެވެ. ރައީސް ވިދާޅުވީ އެ މަޝްރުއު ކުރިއަށް ނުގޮސް އޮތީ ފައިސާ ނެތިގެން ނުވަތަ އިންވެސްޓްކުރާނެ ފަރާތްތައް ނެތިގެން ނޫންކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މަޝްރޫއު މަޑު ޖެހިފައި އޮތް ސަބަބު މިވަގުތު ހާމަކުރަން ދަތި ނަމަވެސް އެކަން ކުރިއަށްދާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި އެ މަޝްރޫއަށް ބޭނުންވާ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ނިމިފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އައިހެވަން ފަދަ ބިޔަ މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި އެކިގޮތްގޮތުން ސަރުކާރަށް ހުރަސްއަޅައި ބޭރުގެ އިންވެސްޓަރުން ރާއްޖެ ނައުމަށް އެންމެ ފާޅުކަން ބޮޑުގޮތެއްގައި ގޮވާލީ އިދިކޮޅު ފަރާތްތަކުން ކަމަށެވެ. އަދި އެ މަޝްރުއުގެ އިތުރުން ފ. އަތޮޅުގައި ކުރިއަށް ގެންދަން ނިންމި ބިޔަ މަޝްރުއުވެސް މަޑުޖައްސަން ޖެހުނީ އިދިކޮޅުން ކުރިމަތި ކުރުވި ފިއްތުންތަކުގެ ސަބަބުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެމަޝްރޫއު މަޑުޖައްސަން ސަރުކާރަށް އިދިކޮޅުން ކުރުވި މަޖުބޫރުން ދޭހަވީ ތަރައްގީއާ މެދު އިދިކޮޅު ގެންގުޅޭ ފަލްސަފާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.