ދެ ހާސް ތޭރަ ވަނަ އަހަރު ދިވެހިރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓު ނެގުން އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް ބޭނުން ކުރާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ އެގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމެއްގައި ކޮމިޝަނުގެ އިއްތިފާޤުން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު ވިދާޅުވީ، 2013 ގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކޮމިޝަނުން ފަށައިގެން މިހާރުވެސް ކުރިއަށް އެބަގެންދާ ކަމަށެވެ. އަދި ބުނީ އޭގެތެރެއިން އެއްކަމެއްގެ ގޮތުގައި 2013 ގެ ރިޔާސީ އިންތިޚާބުގެ ވޯޓު ނެގުން ކުރިއަށް ގެންދާނޭ ގޮތެއް ނިންމުން ވެސް ހިމެނޭ ކަމަށެވެ. އެގޮތުން އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ވޯޓު ނެގުމުގެ މަގު ފަހިކުރުމުގެ ގޮތުން ކަމާގުޅޭ ޤާނޫނުތަކަށް ބަދަލު ގެންނަންޖެހޭތީ، އެކަންކަން ފާހަގަކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވާނޭ ކަމަށްވެސް ފުއާދު ވިދާޅުވި އެވެ.

ޤަނޫނުތައް ދިރާސާ ކުރުމަށާއި، އެ އިންތިޚާބުގެ ވޯޓު ނެގުމުގައި ބޭނުން ކުރާނޭ ވަސީލަތާ ބެހޭ ގޮތުންނާއި، އަދި އެ ވަސީލަތް ހޯދުމާއި، އެއަށް ޢާންމުންގެ އިތުބާރު ހޯދައި، އެކަމަށް ޢާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނޭ ގޮތްތައް ރޭވުމަށްޓަކައި ވަރަށް އަވަހަށް ޓާސްކް ފޯހެއް އުފައްދަވާނޭ ކަމަށް އިލެކްޝަނުން މިއަދު ވަނީ ބުނެފަ އެެވެ.