މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ނަން ނޭޝަނަލް ޕްރިޒަން ސާވިސްގެ ނަމަށް ބަދަލު ކުރަން ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އެ އިސްލާހު ހުށަހަޅާފައިވަނީ މާވަށު ދާއިރާގެ މެމްބަރު އަހުމަދު އަޒްހާން ފަހުމީ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފަ އެވެ.

އެ ބިލުގައި ވަނީ އެ ބިލް މަޖިލީހުން ފާސްވެ، ތަސްދީގު ކުރާ ދުވަހުން ފެށިގެން ކަރެކްޝަނަލް ސާވިސްގެ ނަން ނޭޝަނަލް ޕްރިޒަން ސާވިސް އަށް ބަދަލު ކުރުމަށާއި ކަރެކްޝަނަލް ސާވިސް މިހާރު ވެސް އޮންނަ ގޮތަށް، ނޭޝަނަލް ޕްރިޒަންސް ސާވިސްއަކީ ސިވިލް ސާވިސްގައި ނުހިމެނޭ އަދި ޔުނިފޯމް އެޅި އޮފިސަަރުން ހިމެނޭ މަދަނީ ޚިދުމަތެއް ކަމުގައި ހަމަޖެއްސުމަށެވެ.

މީގެ އިތުރުން ވެސް ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ އެހެން މާއްދާތަކަށް ވެސް އެ ބިލުގައި އިސްލާހު ހުށަހަޅާފައިވެ އެވެ.

އެގޮތުން އިސްލާހު ހުށަހަޅާފައި ވަނީ ޕްރިޒަންސް ސާވިސްގެ ހުރިހާ މުވައްޒަފުންނަށް ވެސް މަގާމުގެ ކުރިއެރުން ދިނުމުގެ ބާރު ކޮމިޝަނަރަށް ދިނުމަށެވެ. އެކަމަކު ޝަރަފްގެ ނިޝާން ދޭނީ މިހާރު ވެސް އޮންނަ ގޮތަށް މިނިސްޓަރު ކަމަށް އެ އިސްލާހުގައިވެ އެވެ.

މިހާރު އެ ގާނޫނު އޮންނަ ގޮތުން ކަރެޝަންސްގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދެވެނީ މިނިސްޓަރަށެވެ.

ޕެރޯލްގެ ދަށުން މީހުން ދޫކުރުމާއި ބޯޑުގެ ޒިންމާ އަދާ ކުރުމަށް ޕްރިޒަން ސާވިސްގެ އިދާރީ އޮނިގަނޑުގައި ވަކި ޑިޕާޓްމެންޓެއް އުފައްދަން ޖެހޭ ގޮތަށް ވެސް އެ ބިލުގައި ހިމަނާފައިވެ އެވެ.