02 Jul 2018, 19:48
ރައިސުލް ޖުމުހުރިއްޔާ އަބްދުﷲ ޔަމީން އަބްދުލްގައްޔޫމް ހޮވަން ބޭނުންވާ ވަރަށް ޕީޕީއެމްގެ ދަފްތަރުގައި މިހާރުވެސް މެމްބަރުން އެބަތިބި ކަމަށާއި އަދި އެއިން ކޮންމެ މެމްބަރަކުވެސް އިތުރު އެއްވޯޓް ހޯދަން މަސައްކަތް ކުރުމަށް އެ ޕާޓީގެ ނައިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ގޮވާލައްވައިފިއެވެ.
ށ. ފުނަދޫގެ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާ މިންވަރު ބެއްލެވުމަށް ރައީސް ޔާމީން މިއަދު އެރަށަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން ރައްޔިތުންނާއި ބައްދަލު ކުރެއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޒަމީރު ވިދާޅުވީ މި އަހަރު އަލަށް 22،000 މީހުން ވޯޓުލާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެހެންކަމުން އެމީހުންގެ ވޯޓް ހޯދަން މަސައްކަތް ކުރަންޖެހޭ ކަަމަށެވެ. އަދި އެކަން ކުރުމަށް މިހާރު ޕީޕީއެމްގެ ދަފްތަރުގައި ތިބި މީހުން އިތުރު އެކަކުގެ ވޯޓު ހޯދަން މަސައްކަތް ކުރަންޖެހޭ ކަމަށް އނާ ވިދާޅުވިއެވެ.
"ބާވީސް ހާހަށް ވުރެ ގިނަ އައު ވޯޓަރުން މި އަހަރު އަލަށް އެބައާދޭ. އެހެންވީމަ އެކުދިންނާވެސް އަޅުގަނޑުމެން ވާހަކަ ދައްކައިގެން މި އައި ތަރައްގީ ވިސްނައިދޭން ޖެހޭ،" ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ މިހާރު ރަށަކަށް އަރައިފިނަމަ މުޅިން ދައްކަނީ ތަރައްގީގެ ވާހަކަތައް ކަމަށާއި މި ސަރުކާރުން ރަށްރަށް ތަރައްގީ ކުރަނީ އާބާދީއަށް ބެލުމެއް ނެތި ކަމަށެވެ. އަދި ވިދާޅުވީ އެ ތަރައްގީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ ރައީސް ޔާމީނު ދެވަނަ ދައުރަކަށް ހޮވައިގެން ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ކުރަމުންދާ މަސައްކަތަކީ ހުރިހާ ރައްޔިތުންގެ ހައްގުގައި ކުރަމުންދާ މަސައްކަތް ކަަމަށާއި އެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ.
ރައީސް ޔާމީން ކޮންމެ ދުވަހަކުވެސް ރައްޔިތުންނާއި ގުޅުން ހުރި މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތު އޮޅުން ފިލުވާ ކަަމަށާއި އަދި ލަސްވާ ކަަންކަން އަވަސް ކުރުމަށް ލަފާދޭ ކަަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.
ޒަމީރު މިހެން ވިދާޅުވިއިރު ޕީޕީއެމް އަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އެ ޕަޓީގައި 60 ހާހަށް ވުރެ ގިނަ މެމްބަރުން ތިބި އިރު އެ ޕާޓީން ދަނީ މެމްބަރުން އިތުރު ކުރުމަށްވެސް މަސައްކަތް ކުރަމުންނެވެ.