މާލެ ހުޅުލެ އަދި ތިލަފުއްޓާއި ގުޅީ ފަޅުވެސް ހިމެނޭ ގޮތަށް މާލެ ސަރަހައްދު ބްރިޖަކުން ގުޅާލާނެ ކަމުގެ އިޝާރާތެއް ރައީސް އަބްދުﷲ ޔާމީން ދެއްވައިފި އެވެ.

މިއަދު ށ. ކަނޑިތީމުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މި ސަރަހައްދުގައި ގާއިމް ކުރެވޭ ބައިނަލްއަގުވާމީ އެންމެ ބޮޑު ސީޕޯޓު މާލޭ ކައިރިން ގުޅިފަޅު އަދި ތިލަފުށީގައި ހަދާނެ ކަމަށާއި އަދި އެ މަޝްރޫއުތަކުގެ ތެރޭން އެ ދެ ރަށާއި މާލޭގައި ހެދިފައި އޮތް ބްރިޖާވެސް ގުޅިގެންދާން ޖެހޭ ކަމަށެެވެ.

"ތިލަފުއްޓާއި ގުޅީ ފަޅާ އެކީ ގުޅިގެން ދިޔައިމާ ބޮޑެތި މަޝްރޫއުތައް ހިންގާއިރު އެ ބްރިޖް އައިސް މާލޭގެ ބްރިޖާ ގުޅެން ޖެހޭ ނޫންތޯ." ރައީސް ޔާމީން ވިދާޅުވި އެވެ.

ނަމަވެސް އެ މަޝްރޫއާ ބެހޭ މާ ބޮޑު ތަފްސީލެއް ރައީސް ޔާމީން ނުދެއްވަ އެވެ. ރައީސް ޔާމީން ތަފްސީލަށް ވަޑައިނުގެން ނަމަވެސް ބްރިޖަކުން މާލެ ސަރަހައްދު ގުޅާލާނެ ކަމުގެ ވާހަކަތަކެއް މީގެ ކުރިންވެސް މި ސަރުކާރުގެ ބައެއް އިސް ފަރާތްތަކުން ވަނީ ދައްކަވާފަ އެވެ.

ރައީސް ޔާމީންގެ މެނިފެސްޓޯ މިހާތަނަށް އާންމުކޮށްފައި ނުވާއިރު ޕީޕީއެމުން ބުނެފައިވަނީ އެ ޕާޓީގެ މެނިފެސްޓޯ އާންމުންނަށް ފެނިގެން ދާނީ ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލުމުން ކަމަށެވެ.