ދިއްލީ(ޖުލައި 2): އިންޑިއާގައި ވަޓްސްއެޕް މެދުވެރިކޮށް ފަތުރާ މެސެޖަކާ ގުޅިގެން މަހާރަޝްތުރާގެ ދުލޭ އަވަށުގައި ފަސް މީހަކު މަރާލައިފިއެވެ.

މުޅި އިންޑިއާގެ އެކި ސަރަހައްދުތަކުގައި ފެތުރެމުންދާ އެމެސެޖުތަކުގައި ވަނީ ކުޑަކުދިން ވަގަށް ނަގާ ބަޔަކު އެސަރަހައްދުތަކަށް ގޮސްފައިވާ ކަމަށާއި، ބޭރުން އަންނަ މީހުންނަށް ރައްކާތެރިވުމަށް ގޮވާލައިފައެވެ.

ފުލުހުން ބުނި ގޮތުގައި އިއްޔެ މަރާލާފައި ވަނީ އެއް އަވަށުން އަނެއް އަވަށަށް ސަލާން ޖަހަމުން ދަތުރު ކުރާ ބަޔެކެވެ. އަދި އޭގެ ތެރެއިން މީހަކު އަވަށުގެ އަންހެން ކުއްޖަކާ ވާހަކަ ދައްކާ މަންޒަރު ފެނުމުން، އަވަށުގެ ރައްޔިތުން ވަނީ އެއީ ކުޑަކުދިން ވަގަށް ނަގާ ބަޔެއް ކަމަށް ލަފާކޮށް އެމީހުންނަށް ހަމަލާ ދީފައެވެ.

"އެއަވަށުގެ މީހުން އެމީހުންނާ ސުވާލު ކުރުމުން ދިން ޖަވާބާ މެދު ހިތްހަމަނުޖެހުމުން، އެމީހުން ކޮޓަރިއަކަށް ގެންގޮސް އޮނާއި ގަލުން ތެޅީ،" ސީނިއާ ޕޮލިސް އޮފިޝަލް އެމް ރާމްކުމާރު ވިދާޅުވިއެވެ.

އަދި އެހަމަނުޖެހުން ހުއްޓުވުމަށް ފުލުހުން މަސައްކަތް ކުރުމުން، އަވަށުގެ ރައްޔިތުން ވަނީ ފުލުހުންނަށް ވެސް ހަމަލާދީފައެވެ.

އެހާދިސާއާ ގުޅިގެން ދުލޭ އަވަށުން ވަނީ 12 މީހަކު ހައްޔަރުކޮށްފައެވެ.

ވަޓްސްއެޕް މެދުވެރިކޮށް އިންޑިއާގައި ދޮގު ހަބަރު ފަތުރަމުން ދާތީ އެގައުމުގެ ހައިދަރުއާބާދާއި ޓަމިލް ނާޑޫ އާއި ކަރުނާޓަކާގައި ވަނީ ސޯޝަލް މީޑިއާއާ ބެހޭ ގޮތުން މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތްތައް ފަށައިފައެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން އެމެސެޖުތަކާ ގުޅިގެން ހިނގި ހަމަނުހެންތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 12އަށް އަރައިފައެވެ. (ބީބީސީ)