02 Jul 2018, 15:58
ރާއްޖޭގައި ވިޔަފާރި ބަނދަރު ތޮއްޖެހި ވިޔަފާރިތަކަށް ހުރަސް އެޅޭ މައްސަލަ ހައްލު ކުރުމަށް މި ސަރަހައްދުގައި ހެދޭ އެންމެބޮޑު އެންމެ ވަރުގަދަ ސީ ޕޯޓު ރާއްޖޭގައި ހަދާނެ ކަަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ.
ކަނޑިތީމު ބަނދަރު ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން މިއަދު ވިދާޅުވީ މާލޭގެ ބަނދަރު ސަރަހައްދުގައި އުޅޭ މީހުންނަނާއި ވިޔަފާރިވެރިންނަށް ބަނދަރު ތޮއްޖެހިފައި އޮތް މިންވަރު އެނގޭނެ ކަމަށެވެ.
އަދި ރާއްޖޭގެ ވައިގެ ބަނދަރު ބޮޑުވެ، އަހަރަކު ހަތް މިލިއަން މީހުންގެ ކެޕޭސިޓީއަށް އިތުރުވެގެން ދާއިރު މިހާރު އޮތް ވިޔަފާރި ބަނދަރަށް ބާރު ބޮޑުވެގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެހެންކަމުން ސަރަހައްދުގައި ހެދޭ އެންމެ ބޮޑު ސީޕޯޓު ތިލަފުއްޓާއި ގުޅީ ފަޅު ހިމެނޭ ގޮތަށް ގާއިމް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"މާލޭގެ ބަނދަރެއް އިތުރެއް ނުކުރެވޭނެ. ބޮޑެއް ނުކުރެވޭނެ. އެހެންވީމާ އަޅުގަނޑުމެންގެ ވިސްނުމުގައި އޮތް މަޝްރޫއުތަކުގެ ތެރޭގައި ބައިނަލްއަގުވާމީ އެއާޕޯޓު ނިމުމާ އެކީ އެބަޖެހޭ މި ސަރަހައްދުގައި އޮތް އެންމެ ވަރުގަދަ ސީޕޯޓު ވެސް ހަދަން. އެހެންވީމާ އެ ސީޕޯ ނޫނިއްޔާ ކަނޑުމަގުން މި ދަތުރުކުރާ ޕޯޓަކީ ބައިނަލްއަގުވާމީ ޕޯޓަކަށް ވާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
މި ސަރަހައްދުން ދަތުރުކުރާ ވިޔަފާރި އުޅަނދުތައް މިސްރާބު ޖަހާ ކަނޑު ބަނދަރަކަށް ރާއްޖޭގައި ހެދޭ ކަނޑު ބަދަރު ވާން ޖެހޭ ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
އެ ސީޕޯޓް ގާއިމް ކުރާނެ ތަނެއް ކަމަށް ރައީސް ޔާމީން ވިދާޅުވީ ތިލަފުއްޓާއި ގުޅިފަޅާ ދެރަށުގަ އެވެ. އަދި އެ ސީޕޯޓު ގާއިމް ކުރެވިގެންދާ އިރު އެތަނުގައި ހިމެނޭނީ ހަމައެކަނި މުދާ އުފުލާ ކެރޭނާއި މުދާ ޕެލެޓް ކުރަން ބޭނުންވާ ސާމާނު އެކަނި ނޫން ކަމަށާއި އެ ޕޯޓަށް ހާއްސަކޮށްގެން އައިޓީ ފަރިތަ ޒުވާން ޖީލެއް ބިނާ ކުރަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ މިދާ ތަރައްގީގެ ތެރޭގައި ތިލަފުއްޓާއި ގުޅީ ފަޅުގައި މިކުރާ މަސައްކަތުގެ ތެރޭގައި އައިޓީ ޕާކެއް ހެދުމާ އެކީ އައިޓީއަށް ބޭނުންވާ ހުރިހާ އިންފްރާންސްޓްރަކްޗަރެއް މިސަރަހައްދުގައި ހުރި ވަރަށް ރާއްޖޭގައި ވެސް ގާއިމް ކުރަން،" ރައީސް ވިދާޅުވި އެވެ.
އެކަމުގެ ސަބަބުން އިންޓަނެޓް ބޭނުންކޮށްގެން ކުރާ ހަރަދުގެ 30 ޕަސެންޓް ކުޑަވެގެން ދާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އެއީ އިންޓަނެޓް ބޭނުންކޮށްގެން ހޯދާ ހުރިހާ މައުލޫމާތަކަށް ބޭނުން ޑޭޓާ ޓްރެފިކެއްގެ އަގު 30 ޕަސެންޓަށް ކުޑަކުރަން އެމަނިކުފާނުގެ ސަރުކާރުން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ދެވަނަ ދައުރެއް ދެއްވައިގެން އެ ދައުރުގެ ހަތަރު ވަނަ އަހަރު ޕޯޑިއަމަށް ހުއްޓޭއިރު ރައްޔިތުން އެދޭނީ މަގުހަދާ ވާހަކަ އާއި ބަނދަރު ހަދާ ވާހަކަ ނޫން ކަމަށެވެ.
"ބައެއް ރަށްރަށުން އަޅުގަނޑު ކައިރީ އެދޭނީ ދެރަށް ގުޅުވައިދޭން ބްރިޖް އަޅައިދޭ ވާހަކަ. އެހިސާބަށް އަޅުގަނޑުގެ ވިސްނުން ދާނެ އެއީ އެކަން ކުރެވޭ ކަމެއްކަން އަޅުގަނޑުމެންނަށް އެބައެނގޭ. އަދި ތިލަފުއްޓާއި ގުޅި ފަޅާ އެކީ ގުޅިގެން ދިޔައިމާ ބޮޑެތި މަޝްރޫއުތައް ހިންގާއިރު އެ ބްރިޖް އައިސް މާލޭގެ ބްރިޖާ ގުޅެން ޖެހޭ ނޫންތޯ." ރައީސް ޔާމީން ވިދާޅުވި އެވެ.
ކަނޑިތީމުގެ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވޭތުވެ ދިޔަ ފަސް އަހަރުގެ ތެރޭގައި ކަނޑިތީމުގައި ބޮޑު އެއްވެސް މަޝްރޫއެއް ހިނގާފައި ނެތް ކަމަށެވެ. އެހެން ދިމާވީ އޭރު މަޖިލިސް މެމްބަރުން ހިމެނިފައި ތިބި ގޮތުން އިހުމާލުވެފައި ހުރި ނުވަތަ އިހުމާލުކޮށްލާފައި ހުރި ރަށްރަށުގެ ތެރޭގައި ކަނޑިތީމު ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް މި ސަރުކާރުން ކަނޑިތީމަށް މި ފަސް އަހަރުގެ ތެރޭގައި 105 މިލިއަން ރުފިޔާގެ ބަޖެޓް ހޭދަކޮށްފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ށ. އަތޮޅަށް ރައީސް ޔާމީން މިއަދު ކުރައްވާ ދަތުރުފުޅުތަކުގައި ށ. ބިލެއްފައްސަށް ވަޑައިގެން އެރަށުގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް ރައީސް ޔާމީން ވަނީ އިއުލާނު ކުރައްވައިފަ އެވެ.