02 Jul 2018, 15:46
ލިވަޕޫލްގެ މިސްރު ތަރި މުހައްމަދު ސަލާހު، އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން 2023ގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ލިވަޕޫލްގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި ވެސް ސަލާހު ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. އިތުރު ފަސް އަހަރުގެ މުއްދަތަކަށް ލިވަޕޫލްގައި މަޑުކުރުމަށް ސަލާހު އެއްބަސްވުން އާކޮށްފައިވާކަން އެ ކްލަބުން ވެސް ވަނީ އިއުލާންކޮށްފައެވެ.
ރޯމާއިން 36.9 މިލިއަން ޕައުންޑްގެ އަގަކަށް މިދިޔަ ސީޒަނުގައި ލިވަޕޫލާ ގުޅުމަށްފަހު ސަލާހު ވަނީ 44 ލަނޑު ކާމިޔާބުކޮށްދީފައެވެ. މިދިޔަ ސީޒަނުގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލް ގެންގޮސްދިނުމުގައި އިސް ދައުރެއް އަދާކުރި ސަލާހު ވަނީ ޕީއެފްއޭއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓު ވެސް ހޯދައިފައެވެ.
ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުން ސަލާހު އާކޮށްފައިވަނީ ސްޕެއިންގެ ރެއާލް މެޑްރިޑުން ވެސް އޭނާ ހޯދުމުގެ މަސައްކަތްކުރަމުން ދަނިކޮށް ކަމަށް ހަބަރުތައް ބުނެއެވެ. ސަލާހުގެ އެއްބަސްވުން އާކުރުމުން ރެއާލަށް އޭނާ ހޯދުމަށް ހުރަސްތަކަކާ ކުރިމަތިލާން ޖެހޭނެއެވެ.
މިހާރު ރަޝިއާގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި މިސްރު ގައުމީ ޓީމާއެކު ސަލާހު ވާދަކުރި ނަމަވެސް، އޭނާ ފެނިގެންދިޔައީ ހަމައެކަނި ގްރޫޕް ސްޓޭޖުންނެވެ. އަނިޔާގެ ސަބަބުން ފުރަތަމަ މެޗުގައި ސަލާހު ފެނިގެން ނުދިޔަ ނަމަވެސް، އޭނާ ވަނީ މިސްރުގެ ފަހު ދެ މެޗުގައި ކުޅެ، ދެ ލަނޑު ކާމިޔާބުކޮށްފައެވެ.