މ. ޕިޔާޖީގޭގައި މިއަދު މެންދުރުފަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މަޖީދިއްޔާ ސްކޫލްގެ ދަރިވަރު، އަލީ ނިޔާޒް15، އަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

މާފަންނު ބިސްބުރު ކައިރީގައި ޑެގް އަޅައިގެން ހަދާފައި ގޭގައި ރޯވީ މިއަދު މެންދުރުފަހު 2:30 އެހާކަންހާއިރު އެވެ. އަލިފާނުގެ އެ ހާދިސާގައި ހިނގި އިރު ނިޔާޒު އޮތީ ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގައި ނިދާފަ އެވެ. މަޖީދިއްޔާ ސްކޫލްގައި ކިޔަވާ ދަރިވަރުގެ ދައްތަ ފާތުމަތު ވަހީދާ ބުނީ ކޮއްކޮށް ނިދަން އޮތީ މިއަދު ސްކޫލް ގޮސްފައި ގެއަށް އައިގޮތަށް ކަމަށާއި ފަހުން ވީގޮތެއް ނޭނގޭ ކަމަށެވެ.

ގޭގައި އަލިފާން ރޯވިއިރު ގޭތެރޭގައި އޮތް ނިޔާޒް ސަލާމާތް ކުރުމަށް ސިފައިން އެގެއަށް ވަނީ ގޭގެ ކުޑަ ދޮރުތައް ހަލާކުކޮށްލައިގެން ފުރާޅުމަތިންނެވެ. ގޭތެރެއިން ނިޔާޒު ނެރެގެން އައިޖީއެމްއެޗަށް ގެންދިޔައިރު އޭނާގެ އެއްވެސް "ހަރަކާތެއް" ނެތެވެ. އައިޖީއެމްއެޗުން ބުނީ ނިޔާޒްގެ ދެ އަތްތިލައާއި ދެ ފައިތިލައާއި ކަކުލު ކޮން ބައެއް ކޮންމެވެސް ވަރަކަށް ފިހިފައިވާ ކަމަށެވެ.

އާއިލާއިން ބުނީ ނިޔާޒު އައިޖީއެމްއެޗަށް ގެންދިޔަތާ ގަޑިއެއްހައިރު ތެރޭގައި ނޭވާލާން ފަށާފައިވާ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު މައުލޫމާތުދީފައިވާ ކަމަށެވެ. އައިސީޔޫގައި އޮތް ނަމަވެސް ނިޔާޒު ހާލު މިހާރު ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ޕިޔާޖީގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ދެ މީހަކު އައިޖީއެމްއެޗަށް ގެންދިޔަ އެވެ. އަލީ ނިޔާޒްގެ އިތުރުން ހޭނެތިގެން ގެންދިޔަ އެ އާއިލާގެ އަނެއް މީހާ އަށް ފަރުވާދިނުމަށް ފަހު މިއަދު ހަވީރު ވަނީ ދޫކޮށްލާފަ އެވެ.

ޕިޔާޖީގޭގައި ރޯވި އަލިފާން ފުލުހުން ނިއްވާލާފައި ވަނީ ރޯވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގަ އެވެ. އެގޭގައި ރޯވާން ދިމާވި ސަބަބެއް އެގޭގެ މީހުންނަކަށް ވެސް ނޭނގެ އެވެ. އެމްއެމްޑީއެފާއި ފުލުހުން ދަނީ ހާދިސާ ތަހުގީގު ކުރަމުންނެވެ.
"މީގެ ކުރިން މިކަހަލަ އެއްވެސް ކަމެއް ގޭގައި ހިނގާފައި ނުވާނެ. ކަރަންޓް ޝޯޓަކުން ވެސް. އަޅުގަނޑަށް ވެސް ފެނުނީ މަތިން އަލިފާން ރޯވެ، އެއްޗެހިތައް ތިރިޔަށް ފައިބާތަން،" ނިޔާޒްގެ ދައްތަ ބުންޏެވެ.

---

15:46 އެ ހާދިސާގައި ހޮސްޕިޓަލަށް ގެންދިޔަ ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި. އަލީ ނިޔާޒުގެ މޫނުމަތި ހުރީ ކަޅުވެފައި. މޫނު ކަޅުވެފައި ވަނީ ދުމުން ކަމެއް އަދި ފިހިގެން ކަމެއް ކަށަވަރެއް ނުވޭ.

15:42 އަލީ ނިޔާޒު އައިޖީއެމްއެޗުގެ އައިސީޔޫ އަށް ޓްރާންސްފާކޮށްފި

15:28 އޭނާ ހޮސްޕިޓަށް ގެންދިޔަ އިރު ވިންދު ނުޖެހިއަސް މިހާރު ވިންދު ޖަހައި ކުޑަކޮށް ނޭވާލާ ކަމަށް އާއިލާ އިން ބުނި. ނަމަވެސް އަދި ވެސް ސީރިއަސް.

15:28 ގޭ މީހުން ބުނަނީ ފަޔާ އެންޑް ރެސްކިއު މީހުން ފުރަތަމަ އައި އިރު، އައީ މާސްކް ނުލައި ކަމަށް. ނަމަވެސް އެމްއެންޑީއެފަކުން އެކަން އަދި ކަށަވަރެއް ނުކުރެވޭ.

15:26 ހޮސްޕިޓަލަށް ގެންދިޔައީ އަލީ ނިޔާޒު. އޭނާ އަކީ މަޖީދިއްޔާ ސްކޫލް ގްރޭޑް 10ގައި ކިޔަވަމުން އަންނަ ދަރިވަރެއް.

15:01 ފިހުނު ކަމަށް ކުރިން ބުނި ޒުވާނާ ނުފިހޭ ކަމަށް މިހާރު ބުނޭ.


14:43 އައިޖީއެމްޗުގެ މީޑިއާ ކޯޑިނޭޓަރު ވިދާޅުވީ ފިހިފައިވާ ޒުވާނާއަށް އިމަޖެންސީގައި ފަރުވާ ދެމުން އަންނަ ކަމަށާއި ފިހިފައިވާ މިންވަރު އަދި ސާފު ނުވާ ކަމަށެވެ.

"ހާލަތާ ބެހޭ ގޮތުން އެއްވެސް ވަރަކަށް އަދި އެއްޗެއް ބުނާކަށް ނޭނގޭ،" ޒީނަތު ވިދާޅުވި އެވެ.

14:41 ސަރަހައްދު މިހާރު ވަނީ ފުލުހުންނާއި ސިފައިން ބަންދުކޮށްފައި. އަލިފާން ރޯވެފައިވާ ގެއަށް ސިފައިން ވަދެ ފިހިފައިވާ ޒުވާނާ ނެރުނީ ގޭގެ ދޮރިތައް ހަލާކުކޮށްލައިގެން.

14:39 ގޭތެރޭގައި ފިހިފައި އޮއްވާ ނެރުނު ޒުވާނާއާ ބެހޭ މައުލޫމާތެއް އައިޖީއެމްއެޗަކުން އަދި ނުލިބޭ.

14:33 މިވަގުތު އަލިފާނެއް ނުފެނޭ. އެކަމަކު ގޭތެރެއިން ވަރަށް ބޯކޮށް ދުން އަރަމުން އެބަދޭ

14:31 ފިހިފައިވަނީ ޒުވާން ކުއްޖެއް އޭނާ ނެރުނު އަނގައި އެއްޗެހިތަކެއް ފައިބާ ހުރި. މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި

14:27 މާފަންނު ބިސްބުރު ކައިރީގައި ހުންނަ މ. ޕިއާޖީ ކިޔާ ގެއެއްގައި. ރޯވި އަލިފާން ކޮންޓްރޯލް ކުރުމުގައި މަސައްކަތުގައި ފަޔާ އެންޑް ރެސްކިޔު ސަވިސްގެ ސިފައިން ހަރަކާތްތެރިވަމުން އެބަދޭ.

14:27 އަލިފާން ރޯވެފައިވާ ގޭގެ ތެރެއިން ފިހިފައިވާ މީހަކު ވަނީ ނެރެފައި. މޫނު ވަރަށް ބޮޑަށް ވަނީ ފިހިފައި

މާފަންނު ބިސް ބުރު ކައިރީގައި ހުރި ގެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެ އެވެ. އަލިފާން ގަނޑު ނިވައިލުމަށް ސިފައިން ދަނީ ހަރަކާތްތެެރިވަމުންނެވެ.

މިލިޔުމާ ގުޅެ ވީޑިއޯ

http://www.youtube.com/watch?v=zDX9S8vrLwA