އިންތިހާބުތަކުގެ ގާނޫނަށް ސަރުކާރުން ހުށަަހެޅި އިސްލާހުތައް ކޮމެޓީ މަރުހަލާ ނިމުނު ނަމަވެސް އެ ބިލް ފާސްކުރުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަނުވާތީ ވޯޓަށް ނާހައި ފަސްކޮށްފި އެވެ.

ކޮމެޓީ މަރުހަލާ ނިމި މިއަދު ވޯޓަށް އެހުމަށް އެޖެންޑާކޮށްފައި ވަނީ އިންތިހާބްތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލާއި ރިޔާސީ އިންތިހާބުގެ ގާނޫނަށް ހުށަހަޅާފައިވާ ދެ އިސްލާހުގެ ބިލެވެ.

އެ ތިން ބިލަށް ވޯޓަށް އެހުމަށް އެޖެންޑާ ކުރި ނަމަވެސް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވީ ތިން ބިލަށް ވޯޓަށް އެހުމަށް ބޭނުންވާ އަދަދަށް މެންބަރުން މިއަދުގެ ޖަލްސާގައި ހާޒިރުވެ ނެތް ކަމަށާއި އެހެން ކަމުން މިއަދުގެ ޖަލްސާގައި ވޯޓަށް ނާހައި ފަސްކުރާ ކަމަށެވެ.

"ތިން ބިލެއް ފާސްކުރުމަށް ވޯޓަށް އަހަން އަޅުގަނޑު ބަލާ އިރު މި ތިން ބިލް ފާސްކުރުމަށް ވޯޓަށް އަހަން ބޭނުންވާ މެންބަރުން މިވަގުތު ޖަލްސާގައި ހާޒިރުވެ ނެތް ވާހަކަ އަޅުގަނޑު ފާހަގަކުރަން،" މަސީހު ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދަށް އަމަލުކުރުމަކީ ކޮންމެ މެންބަރެއްގެ ވެސް ޒިންމާއެއް ކަމަށް މަސީހް ފާހަގަކުރެއްވި އެވެ. އަދި އެކަށީގެންވާ އުޒުރެއް ދިމާ ނުވާހާ ހިނދަކު ކޮންމެ މެނެބްރެއް ވެސް މަޖިލީހުގައި ނަގާ ވޯޓުތަކުގައި ބައިވެރިވާން ޖެހޭނެ ކަމަށް މަސީހު ވިދާޅުވި އެވެ.

"މިއަދުގެ މި ޖަލްސާގައި ކުރިން މި ދެންނެވި ތިން ބިލަށް ވޯޓަށް އެހުމަށް ދަތިތަކެއް އެބަހުރި. އެހެންވީ ވީމާ އަޅުގަނޑު މަސައްކަތް ކުރާނަން ދެން އޮންނަ ޖަލްސާއެއްގައި މި ބިލް ފާސްކުރެވޭތޯ،" މަސީހު ވިދާޅުވި އެވެ.

މިއަދުގެ މަޖިލިސް ނިންމާލެއްވީ މާދަމާ ވެސް ޖަލްސާއެއް އޮންނާނެ ކަން އިއުލާން ކުރައްވަމުންނެވެ.