02 Jul 2018, 12:52
އެކައުންޓިން ދާއިރާގެ އޮނިގަނޑު އެކުލަވާލުމުގެ ގޮތުން ޗާޓަޑް އެކައުންޓެންޓުންގެ ބިލް މި އަހަރު މަޖިލީހަށް ފޮނުވޭނެ ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެ އެވެ.
މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި އެކައުންޓިން ފޯރަމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޒިޔަތު ވިދާޅުވީ މިހާރު އެކުލަވާލައިފައިވާ ޗާޓަޑް އެކައުންޓެންޓްގެ ބިލަށް އެޓާނީ ޖެނެރަލް އޮފީހުން މިހާރު ހުއްދަ ލިބިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ބިލް މަޖިލީހުން ފާސްވެ ގާނޫނަކަށް ބަދަލުވެގެން ދިއުމުން ރާއްޖޭގައި އެކައުންޓިންގެ ދާއިރާ އިތުރަށް ވަރުގަދަވުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.
ޒިޔަތު ވަނީ އޮޑިޓްގެ ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ދަރިވަރުން އެދާއިރާއިން ހޯދަންޖެހޭ ތަޖްރިބާ ހާސިލްކޮށް އަދި ކުރިއަށްދިއުމުގެ ގޮތުން ތަޖުރިބާކާރުންގެ އެހީ ހޯދުމަށް އިލްތިމާސްކޮށްފަ އެވެ.
އަދި އެފަދަ ދަރިވަރުންނަށް ފުރުސަތުތައް ހޯދައި ދިނުމުގެ ތަޖްރިބާ ހާސިލްކުރުމުގެ ފުރުސަތު ދެއްވައި، ކުރިއަށް ދިއުމަށް އެހީތެރިވެދެއްވުމަށް ރާއްޖޭގައި މަސައްކަތް ކުރާ ދިވެހި އަދި ބޭރުގެ އޮޑިޓް ފާމްތަކަށް ޒިޔަތު ވަނީ އިލްތިމާސްކުރައްވައިފަ އެވެ.
މިއީ، އޮޑިޓާ ޖެނަރަލްގެ އޮފީހުން އިސް ނަންގަވައިގެން ޕަބްލިކު ކުންފުނިތަކެއްގެ އެހީތެރިކަމާ އެކު، އޮޑިޓިންގް ޕްރޮފެޝަނުގައި މަސައްކަތްކުރާ ދިވެހީންނަށް އަމާޒުކޮށްގެން ހަތް ދުވަހަށް ކުރިއަށް ގެންދާ ފޯރަމްއެކެވެ.
އެ ފޯރަމްގައި އިންޑަސްޓްރީގެ ފުންނާނބު އުސް ބޭފުޅުންގެ ތަޖްރިބާ ހިއްސާކުރެއްވުމާއި ދާއިރާގެ ބޭފުޅުންގެ ގުޅުން ބަދަހިކުރުމާއި ޓެކްނިކަލް ސެޝަންތައް ކުރިޔަށް ގެންދިއުމަށް އިސްކަންދިނުމަށް ހަމަޖެހިފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުންޏެވެ.