މިދިޔަ ހުކުރު ދުވަހު ހިރިޔާ ސްކޫލްގެ ދަރިވަރުންތަކެއް ފިޝަރީޒް ސައެންސް ފީލްޑް ޓްރިޕަކަށް ކ. ހުރާ ގޮސް އުޅެނިކޮށް ކޭމްޕްގެ ފުންގަނޑަށް ގެނބި ދަރިވަރުންގެ ތެރެއިން ހަތަރު ކުދިން މަރުވެ، ޕްރިންސިޕަލް އަވަހާރަވި ހާދިސާގެ ތަހުގީގުތައް ފުލުހުންގެ ފަށައިފި އެވެ.

ހުރާގައި ފުލުހުން ތަހުގީގު ފެށީ އިއްޔެ ހެނދުނު 10:00 ޖެހިއިރު އެވެ.

ފުލުހުންގެ ތަހުގީގު ޓީމެއް ހުރައަށް ގޮސް ޔޫތު ކޭމްޕް ސަރަހައްދަށް ބަލައި ވަނީ މޮނީޓާކޮށްފަ ވެއެވެ. އަދި ހިރިޔާ ދަރިވަރުން ގެނބުނު "ފުން" ސަރަހައްދުގައި "ސީން ކްރިއޭޓްކޮށް" ކުދިން ގެބުނު ކަމަށް ލަފާ ކުރެވޭ ސަރަހައްދުތައް ފާހަގަކޮށް ދިރާސާއެއް ވެސް ވަނީކޮށްފަ އެވެ.

ދަރިވަރުން ގެނބުނު ވަގުތު އެ ރަށުގެ ރައްޔިތުންގެ ތެރެއިން އެ ކުދިން ސަލާމަތް ކުރުމުގައި އިސްކޮށް އުޅުނު ތިން މީހަކާ ފުލުހުން ސުވާލުކޮށް ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދައި ހުރައިން ފުރައިގެން ދިޔައިރު، އިތުރު މައުލޫމާތު ހޯދުމަށް އަދި ދާނެ ކަމަށް ވެސް ކައުންސިލަށް ވަނީ އަންގާފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވީ ހުރާގެ ހިތާމަވެރި ހާދިސާއާ ގުޅިގެން ފުލުހުން ކުރާ ތަހުގީގުތަކުގައި "ދާންޖެހޭ ދިމާތަކަށް" ފުލުހުންދާނެ ކަމަށެވެ. އެކަމާ ގުޅުން ހުރި މައުލޫމާތުތައް ފުލުހުން ހޯދާނެ ކަމަށެވެ.

ހިރިޔާ ދަތުރާ ގުޅިގެން އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ ތަހުގީގު މިދިޔަ ހުކުރު ދުވަހުން ވަނީ ފަށާފަ އެވެ. ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފަސީހު ވިދާޅުވެފައި ވަނީ އެފަދަ ހާދިސާއެއް ދެ ވަނަ ފަހަރަށް ތަކުރާރުވިޔަ ނުދެއްވާނެ ކަމަށެވެ. އެމްއެންޑީއެފާއި ފުލުހުން އެ މައްސަލަ ތަހުގީގު ކުރާއިރު ހިރިޔާގެ ފިޝަރީޒް ސައެންސްގެ އަމަލީ ތަޖުރިބާގެ ދަތުރު ރޭވި ފަރާތް، އެޑިއުކޭޝަން މިނިސްޓްރީގެ ގަވައިދަކަށް އަމަލުކޮށްފައިވޭތޯ ބެލުމަށް އިއްޔެ އެޑިއުކޭޝަނުން ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލައިފަ އެވެ.
ސަރުކާރުން ބުނެފައި ވަނި މި ހާދިސާގެ ފުނަށް ފީނާނެ ކަމަށެވެ.