02 Jul 2018, 12:29
މެކްސިކޯ ސިޓީ (ޖުލައި 2): މެކްސިކޯގެ ރިޔާސީ އިންތިހާބު ވާތު ފިޔައިގެ ކެނޑިޑޭޓު އަންދްރޭސް މެނުއެލް ލޯޕޭޒް އޮބްރަޑޯ ކާމިޔާބު ކުރައްވައިފި އެވެ.
މެކްސިކޯގެ އިލެކްޝަން ކޮމިޝަންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިހާތަނަށް ގުނާފައިވާ ވޯޓުން ދައްކާ ގޮތުގައި ލޯޕޭޒް އޮބްރަޑޯ އަށް ވަނީ 53 ޕަސެންޓު ވޯޓު ލިބިފައި އެވެ.
އަދި އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވި ދެ ކެނޑިޑޭޓުން ވަނީ މިހާރު ބަލި ގަބޫލު ކުރައްވާ، ލޯޕޭޒް އޮބްރަޑޯއަށް މަރުހަބާ ވިދާޅުވެފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ ނެޝަނަލް އެކްޝަން ޕާޓީ (ޕީއޭއެން)ގެ ކެނޑިޑޭޓު ރިކާޑޯ އަނާޔާ އާއި ވެރިކަން ކުރާ އިންސްޓިޓިއުޝަނަލް ރިވޮލިއުޝަނަރީ ޕާޓީ (ޕީއާރުއައި)ގެ ކެނޑިޑޭޓު ހޯސޭ އެންޓޯނިއޯ މިދް އެވެ.
އަނާޔާއަށް ލިބުނު ވޯޓުގެ އަދަދު 22 ޕަސެންޓަށް އަރާ އިރު މިދްއަށް ލިބުނީ އެންމެ 16 ޕަސެންޓު ވޯޓެވެ.
އިއްޔެގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ލޯޕޭޒް އޮބްރަޑޯ ވަނީ އޭނާގެ ސަރުކާރުގެ މައި މަގުސަދަކަށް ވާނީ ކޮރަޕްޝަން ނައްތާލުމާއި އިންސާފު ގާއިމު ކުރުން ކަމަށް ވިދާޅުވެފައި އެވެ.
އަދި އެމެރިކާއާ ގުޅުން ބަދަހިކޮށް، އެގައުމަށް އެއްބާރުލުން ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މެކްސިކޯ އާއި އެގައުމުގެ ރައްޔިތުންނަށް ތަކުރާރުކޮށް ފާޑު ވިދާޅުވެފައިވާ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާގެ ވެރިކަމަށް ވަޑައިގެންނެވި ފަހުން ދެގައުމުގެ ގުޅުން ވަނީ ހީނަރުވެފަ އެވެ.
ނަމަވެސް ރައީސް ޓްރަމްޕް ވަނީ ލޯޕޭޒް އޮބްރަޑޯއަށް މަރުހަބާ ވިދާޅުވެ، އޭނާއާ އެކު މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.
މެކްސިކޯގައި އެއިންތިހާބު ބާއްވާފައި ވަނީ އެގައުމުގެ އިގުތިސާދު ދަށަށް ގޮސް، ހަމަނުޖެހުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެގޮތުން އެއިންތިހާބާ ދިމާކޮށް 130 އަށް ވުރެ ގިނަ ސިޔާސީ ކެނޑިޑޭޓުން މަރާފައިވާ ކަމަށް ރިޕޯޓުތަކުގަ އެވެ. (ބީބީސީ)