ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިދިކޮޅު އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގަތް ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިބޫ އަށް ހާއްސަ ސިޓީފުޅެއް ފޮނުއްވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް މަރުހަބާ ވިދާޅުވެ، ހާއްސަ ސިޓީފުޅެއް ރައީސް ފޮނުއްވާފައިވާ ކަމަށެވެ. ނަމަވެސް ރައީސް ފޮނުއްވި ސިޓީއާ ގުޅޭ އެއްވެސް ތަފްސީލެއް މުއާޒް ނުދެއްވަ އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް އެންމެ ފުރަތަމަ ލިބިވަޑައިގަތީ ކުރީގެ ރައީސް މަހައްމަދު ނަޝީދަށެވެ. ނަމަވެސް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ބޭފުޅަކަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ބުނެ، ސަރުކާރު ހިންގާ ޕީޕީއެމްގެ އިސް ފަރާތްތަކުންނާއި އެ ނޫން ފަރާތްތަކުން ވަނީ ޝަރުތު ހަމަވާ ބޭފުޅަކު ނެރުމަށް ގޮވާލައިފަ އެވެ.

އެމްޑީޕީން މިދިޔަ ހޮނިހިރު ދަވަހު އއ. އުކުޅަހުގައި ބޭއްވި އެ ޕާޓީގެ 'އާދަޔާ ހިލާފް ކޮންގެރެސް'ގައި ރައީސް ނަޝީދު ވަނީ ރިޔާސީ ޓިކެޓް ދޫކޮށްލައްވައިފަ އެވެ. އަދި އެ ކޮންގްރެސް އިން ފާސް ކުރީ އިބޫ އަށް ޓިކެޓް ދިނުމަށެވެ. އެ ނިންމުމާ ގުޅިގެން ޕީޕީއެމްގެ އިސް ފަރާތްތަކުން ވަނީ އެމްޑީޕީއަށާއި އިބޫއަށް ވެސް މަރުހަބާ ކިޔައިފަ އެވެ.

ށ. އަތޮޅަށް މިހާރު ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބިލެއްފަހީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ ވަކި މީހަކަށް ކުރިމަތި ނުލެއްވޭތީ އެމްޑީޕީ ތެރޭގައި އުފުދިފައިވާ އުދާސްތައް މިހާރު ފިލައިގެން ހިގައްޖެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އެމްޑީޕީ ތެރޭގައި މިއައި ހަމަޖެހުމާ އެކު މުޅި ގައުމުގެ ސުލްހަވެރިކަމަށް، މަސްލަހަތަށް ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށް." ރައީސް ވިދާޅުވި އެވެ.

އަންނަ ސެމްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް އިއުލާން ކޮށްފައިވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތަކުގެ ފަރާތުން ވާދަކުރައްވާނެ ކަމަށް ކަނޑައަޅާފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބޫ އެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ ފަރާތުން އިންތިހާބުގައި ވާދަ ކުރައްވަނީ ރައީސް ޔާމީނެވެ. އަދި އިދިކޮޅު ކޯލިޝަނުން އިބޫ އެވެ. އެ ދެ ބޭފުޅުން ވެސް އަދި ރަނިންމޭޓަކު ނުނިންމަވަ އެވެ.