02 Jul 2018, 11:51
ކުއަލަލަމްޕޫރު (ޖުލައި 2): މެލޭޝިއާގެ 41 އަހަރުގެ ފިރިހެނަކާއި 11 އަހަރުގެ އަންހެން ކުއްޖަކު ކައިވެނި ކުރުވުމާ ގުޅިގެން އެގައުމުގައި ކައިވެނި ކުރެވޭ އަމުރު 18 އަހަރަށް މަތި ކުރުމަށް ގިނަ އަދަދެއްގެ މީހުން ގޮވާލައިފި އެވެ.
މެލޭޝިއާގެ މީޑިއާތަކުގައިވާ ގޮތުން އެކުއްޖާގެ މައިންބަފައިންނަކީ ތައިލޭންޑުގެ މީހުންނެވެ. ނަމަވެސް އެމީހުންނަކީ މެލޭޝިއާގައި މަސައްކަތް ކުރާ، ފަގީރު ބައެކެވެ.
އަދި އެފިރިހެން މީހާއަކީ މުއްސަނދި ވިޔަފާރިވެރިއެއް ކަމަށާއި އޭނާގެ ދެ އަނބިންނާއި ހަ ކުދިން ތިބި ކަމަށް ވެސް ބައެއް ރިޕޯޓުތަކުގައިވެ އެވެ. އެކުއްޖާގެ އާއިލާއިން ބުނި ގޮތުގައި އެކައިވެންޏަށް އެއްބަސްވީ، އެކުއްޖާއަށް 16 އަހަރުވަންދެން އެއާއިލާއާ އެކު ދިރިއުޅުމަށް ހުއްދަ ދިނުމަށް ފިރިހެންމީހާ އެއްބަސްވުމުންނެވެ.
މެލޭޝިއާގެ ގާނޫނު އަސާސީގައިވާ ގޮތުން އެގައުމުގެ ރައްޔިތުންނަށް ކައިވެނި ކުރެވޭނީ 18 އަހަރުވުމަށް ފަހުގަ އެވެ. ނަމަވެސް އެގައުމުގެ ދީނީ ކޯޓުތަކުގެ ހުއްދައާ އެކު 16 އަހަރުން ދަށުގެ ކުދިންނާ ކައިވެނި ކުރެވޭނެ އެވެ.
އެކައިވެންޏާ ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅު ކުރުމާ ގުޅިގެން މެލޭޝިއާގެ ސަރުކާރުން ވަނީ އެކައިވެނީގެ އެއްވެސް ރެކޯޑެއް ނެތް ކަމަށް ބުނެފަ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.
އެކައިވެނިކޮށްފައި ވަނީ ދީނީ ކޯޓެއްގެ ހުއްދައަކާ ނުލާ ކަމަށްވާ ނަމަ، އެކައިވެނި ބާތިލު ވާނެ އެވެ. އަދި އޭގެ ސަބަބުން ފިރިހެން މީހާއަށް ހަ މަހުގެ ޖަލު ހުކުމެއް ކުރުން އެކަށީގެންވާ ކަމަށް މެލޭޝިއާގެ މިނިސްޓްރީ އޮފް ވިމެން އެންޑް ފެމިލީން ބުންޏެވެ.
ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓުން ބުނާ ގޮތުގައި މެލޭޝިއާގައި ކައިވެނިކޮށްފައިވާ 15 އަހަރުން ދަށުގެ އަންހެން ކުދިންގެ އަދަދު 16،000އަށް އަރަ އެވެ. (ބީބީސީ)