އދ. ފެންފުށިން ގެއްލުނު ޒުވާނާ ހޯދުމަށް އެރަށުގެ ފަޅުތެރެއާއި އުރަފަށް ކައިރި ބަލަމުންދާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ޒުވާނާ ހޯދުމުގެ މަސައްކަތުގައި ކޯސްޓުގާޑުގެ ޑައިވަރުންނާއި ލޯންޗު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އދ. ފެންފުށިން ގެއްލިގެން ހޯދަމުންދަނީ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ހަވީރު 17:15 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފެންފުށިން ގެއްލިގެން ހޯދަމުން އަންނަނީ އެ ރަށު ޕޭންޒީގޭ އަދުނާން އަހްމަދު، 29 އެވެ.

އަދުނާނުގެ އާއިލާއިން 'ސަން' އާ ވާހަކަ ދެއްކި މީހަކު ބުނީ އަދުނާނު ވަނީ ހޮނިހިރު ދުވަހުގެރޭ ދަންވަރު 12:00 އެހައިކަންހާއިރު، ޑިންގީއެއްގައި ފުރައިގެން ގޮސްފައި ކަމަށެވެ. ނަމަވެސް އޭނާ ދިޔައީ ކޮންތާކަށް ކަމެއް އާއިލާއަކަށް ނޭނގެއެވެ. އަދި އަދުނާނަކީ މީގެ ކުރިން އާންމު ގޮތެއްގައި ޑިންގީގައި ދަތުރުކޮށް ހަދާ ޒުވާނެއް ނޫން ކަމަށް ވެސް އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

އަދުނާނަކީ ސިއްހަތު ސަލާމަތުން ހުރި ނަފްސާނީ ގޮތުން އެއްވެސް ކަހަލަ ބަލި ކަމެއް ނެތް ޒުވާނެއް ކަމަށް އާއިލާއިން ބުންޏެވެ.

އެމްއެންޑީއެފްއިން ބުނީ އަދުނާނު އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ މަޑު ނޫކުލައިގެ އަތްދިގު ގަމީހަކާއި ޖިންސެއް ކަމަށެވެ.