މެކްސިކޯ ސިޓީ (ޖުލައި 2): މެކްސިކޯގެ ރިޔާސީ އިންތިހާބުގައި ކުރި ހޯއްދަވާނީ ވާތު ފިޔައިގެ ކެނޑިޑޭޓު އަންދްރޭސް މެނުއެލް ލޯޕޭޒް އޮބްރަޑޯ ކަމަށް އެގްޒިޓް ޕޯލްތަކުން ދައްކައިފި އެވެ.

މެކްސިކޯގެ ޕެރެމެޓްރިއާ ކުންފުނިން ކުރިއަށްގެންދިޔަ ސާވޭއަކުން ދެއްކި ގޮތުގައި އިއްޔެ ވޯޓުލީ މީހުންގެ ތެރެއިން 53 ޕަސެންޓު މީހުން ވޯޓު ދިން ކަމަށް ބެލެވެނީ ލޯޕޭޒް އޮބްރަޑޯއަށެވެ.

އަދި އޭނާއަށް އެންމެ ގާތުން ވާދަ ކުރެއްވި ނެޝަނަލް އެކްޝަން ޕާޓީ (ޕީއޭއެން)ގެ ކެނޑިޑޭޓު ރިކާޑޯ އަނާޔާއަށް ލިބުނު ކަމަށް ބެލެވެނީ 27 ޕަސެންޓު ވޯޓެވެ. އެއަށް ފަހު 18 ޕަސެންޓު ވޯޓާއެކު ތިން ވަނައަށް އެންމެ ގިނަ ވޯޓު ލިބުނު ކަމަށް ބެލެވެނީ ވެރިކަން ކުރާ އިންސްޓިޓިއުޝަނަލް ރިވޮލިއުޝަނަރީ ޕާޓީ (ޕީއާރުއައި)ގެ ކެނޑިޑޭޓު ހޯސޭ އެންޓޯނިއޯ މިދްއަށެވެ.

އެގްޒިޓް ޕޯލްގެ ނަތީޖާތަކާ ގުޅިގެން އެދެ ބޭފުޅުން ވަނީ ބަލި ގަބޫލު ކުރައްވާފައި އެވެ.

މެކެސިކޯގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި ލޯޕޭޒް އޮބްރަޑޯ ވެރިކަމަށް ވަޑައިގެންނެވީ އެގައުމުގެ އިގުތިސާދު ދަށަށް ގޮސް، ރައީސް އެންރީކޭ ޕެންޔާ ނިއޭޓޯގެ ސަރުކާރާ މެދު ރައްޔިތުން ހިތްހަމަނުޖެހިފައިވާ ދަނޑިވަޅެއްގަ އެވެ. (ބީބީސީ)