ފްރާންސްގެ ވަރުގަދަ ގޭންގު ލީޑަރެއް ކަމަށްވާ ރެޑޮއިން ފާއިދު،46، ހެލިކޮޕްޓަރެއްގައި ޖަލުން ފިލައިފި އެވެ.

ފާއިދު ޖަލުންފިލި މިއީ ދެ ވަނަ ފަހަރެވެ. އޭނާ އަކީ ވައްކަމުގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ މީހެކެވެ. އެ ވައްކަމުގެ ތެރޭގައި ފުލުހަކު ވެސް ވަނީ މަރުވެފަ އެވެ.

ފާއިދު ޖަލުން ފިލާފައި ވަނީ ޖަލުގައި ހަމަލާއެއް ދިން ވަގުތާ ދިމާކޮށެވެ. ޖަލަށް ޒިޔާރަތްކުރާ މީހުން ތިބޭ ސަރަހައްދުގައި އެއްޗެއް ގޮއްވާލައިގެން މި ހަމަލާ ދިން އިރު ފާއިދު އިނީ އޭނާގެ ބޭބެ އާ ބައްދަލު ކުރާށެވެ.

މީގެ ކުރިން 2013 ވަނަ އަހަރު ފާއިދު ޖަލުން ފިލީ ޑައިނަމައިޓު ބޭނުން ކޮށްގެން ޖަލުގެ ދޮރުތައް ގޮއްވާލުމަށް ފަހު، ޖަލުގެ ގާޑުން ރަހީނު ކޮށްގެންނެވެ.

މިފަހަރު އޭނާ ޖަލުން ފިލާފައި މިވަނީ ފްރާންސުގެ އުތުރުގައި ހުންނަ ޖަލަކަށް ބަދަލުކުރިތާ ދެ ގަޑިއިރު ވެސް ނުވަނީހެވެ. ބަޑިއާ އެކު ތިބި މީހުންގެ އެހީގައި އޭނާ ފިލާފައި ވަނީ ޖަލުގެ ގޯތި ތެރޭ އޮންނަ ހުސް ބިމަކަށް ހެލިކޮޕްޓަރު ޖެއްސިތަނާ އެވެ.

ފާއިދު ފިލި ހެލިކޮޕްޓަރު ފުލުހުންނަށް މިހާރު ވަނީ ފެނިފަ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ އިރު، ފާއިދު ކާރަކުން ފައިބައިގެން ދިޔަ ތަން ބައެއް އާންމުންނަށް ވަނީ ފެނިފަ އެވެ.