އަކްޝޭ ކުމާރް އާއި ބޫމީ ޕަދްނޭކަރް ފެނިގެންދާ ފިލްމު "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ"ގެ ސީކުއަލްއެއް ހަދަން ނިންމާފައިވާ ކަމަށް ބަތަލު އަކްޝޭ ބުނެފި އެވެ.

ސޯޝަލް މީޑިއާގައި އަކްޝޭ ބުނެފައި ވަނީ ކުރީ ފިލްމަށް ލިބުނު ތަރުހީބަށް ވުރެ ބޮޑު ތަރުހީބެއް މި ފަހަރުގެ ފިލްމަށް ލިބޭނެ ކަމަށާއި ބެލުންތެރިން ފިލްމު ބެލުމަށް ތައްޔާރުވުމަށެވެ.

"ފިލްމުގައި ޓޮއިލެޓްގެ މަސައްކަތް ނިމިއްޖެ. ޓޮއިލެޓެއް އެޅިއްޖެ. އެހިސާބުން އަދި ވާހަކަ ނިމުނީ އެއް ނޫން،" އަކްޝޭ ބުންޏެވެ.

ޓޮއިލެޓް 2 އިއުލާންކުރި ނަމަވެސް ފިލްމާ ބެހޭ އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.

"ޓޮއިލެޓް" އަކީ އިންޑިއާގެ ފަގީރު ހިސާބުތަކުގެ މީހުން ހާމަ ތަންތަނުގައި ފާޚާނާ ކުރުމުގެ ސަބަބުން ދިމާވެދާނެ އެކިއެކި މައްސަލަތަކުގެ އިތުރުން އެ ހިސާބުތަކުގައި ފާޚާނާތައް ހެދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި އުފައްދާފައިވާ ފިލްމެކެވެ.

ފިލްމުގެ ޑައިރެކްޓަރަކީ ޝްރީ ނާރާޔަން ސިންގް އެވެ.