ހދ. ހަނިމާދޫގައި މަގު ކުނިކެހި ފައިސާ ނުދީގެން އެރަށު އަންހެންވެރިން ކުނިކެހުން ހުއްޓާލައި އިއްޔެ ހަޅުތާލެއް ކުރުމަށް ފަހު މިއަދު ނުކުމެ ކައުންސިލުގެ އިދާރާ ބަންދުކޮށްފި އެވެ.

ކައުންސިލްގެ ރައީސް އަބްދުއް ސަލާމް މިއަދު ވިދާޅުވީ މިއަދު ކައުންސިލުގެ އިދާރާ ބަންދުކުރީ ހެނދުނު 8:00 ޖެހިއިރު ކަމަށާއި އަންހެންވެރިންނާއެކު މިއަދު ރަށުގެ ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ވެސް ނުކުމެފައިވާ ކަމަށެވެ.

"އިދަރާ ބަންދު ކުރުމަށް ފަހު ހަޅުތާލު ކުރަމުން އެބަދޭ. އިއްޔެއަށް ވުރެ މިއަދު މީހުން ގިނަ، މިއަދު ފިރިހެނުން ވެސް އަންހެންވެރިނާއެކު ނުކުމެ އެބަތިބި މިއަދު އެމީހުންގެ ޝަކުވާއަކީ ކުނިކެހި ފައިސާގެ ޝަކުވާ،" ސަލާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކައުންސިލަރުން އިދާރާއިން ބޭރުކޮށް އެ އިދާރާ ބަންދުކޮށްފައި ހުރި ނަމަވެސް ބޭނުމެއް ޖެހިގެން ވަންނަން އެދެފިނަމަ ވަނުމުގެ ފުރުސަތު އެއްވެފައިވާ މީހުން ދޭ ކަމަށާއި މިއަދު ހަޅުތާލު ކުރަމުންދާއިރު ފުލުހުން ވެސް އައިސްފައިވާ ކަމަށެވެ.

"ފުލުހުން އެބައުޅޭ ސުލްހަވަރިކަމާއެކު މައްސަލަ ހައްލު ކުރެވޭތޯ. އަދި މައްސަލަ ހައްލުވާ ގޮތެއް ނުވޭ،" ސަލާމް ވިދާޅުވި އެވެ.
ހަނިމާދޫ އަންހެންވެރިންނާއި ޒުވާނުން ހަޅުތާލެއް ފެށީ ހަތަރު މަސްދުވަހު މަގު ކުނިކެހި ފައިސާ ނުދީ ލަސްވަމުންދާތީ އިތުރަށް ކުނިކެހުން ހުއްޓައިލުމަށް ފަހު އެވެ. ސަލާމް ވިދާޅުވީ އެ ފައިސާ ނުދެވިގެން އުޅެނީ ބަޖެޓްގައި ފައިސާ ނެތުމުން ކަމަށާއި އެމައްސަލަ ހައްލުކުރެވޭތޯ ގައުމީ އިދާރާއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.